15 އޮކްޓޯބަރ 2025 - 16:17

ށ. މިލަންދޫގައި އަމަލީ މަސައްކަތް މިއަދު ފެށި އެއާޕޯޓަކީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ވެސް ސަރަހައްދަށް ވަރަށް މުހިއްމު އެއާޕޯޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ. މި އެއާޕޯޓަކީ އެ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދެކެވެ.
އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރީ، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމުމަށެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަތަރު ވަނަ އެއާޕޯޓެވެ. ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެ އެވެ. އޭގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބިލެއްފައްސާއި ކޮމަންޑޫގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެއާޕޯޓުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިލަންދޫގެ އެއާޕޯޓު މި ސަރަަހައްދަށް މުހިއްމު ކަން އެމަނިކުފާނަށް ރައްޔިތުން ހުށަހެޅުއްވި އިރު ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެއާޕޯޓަކީ މިލަންދުއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތަށް ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ މަސައްކަތް ފެށީ، ރައީސް ވިދާޅުވި ގޮތުގައި، ރަށަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި މަޝްވަރާތަކަށް ފަހު އެވެ. އެއާޕޯޓު އަޅާނެ ސަރަހައްދު ކަނޑައެޅީ ވެސް މި ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ވިސްނާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން މިހާރު ބަނދަރު އޮތް ސަރަހައްދުން އެހެން ތަނަކަށް ބަނދަރު ބަދަލުކުރަން ޖެހެ އެވެ.
"ބަނދަރު ބަދަލުކުރަން ޖެހޭނެ، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނީ ބަނދަރު ބަދަލުކުރުން ވެސް ހިމެނިގެން. އެމްއޭސީއެލްއާ އެކު މި ސޮއިކުރެވުނު އެއްބަސްވުމުގައި އެއާޕޯޓް އެޅުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ހިމެނިފައިވާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ބަދަލުކުރުން ހިމެނެ އެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން އަށް މަސްތެރޭގައި ނިމޭނެ ކަަމަށެވެ. އަލުން ބަނދަރު ހަދާއިރު، މިހާރު އޮތް ބަނދަރަށް ވުރެ ބޮޑު ބަނދަރެއް މިލަންދުއަށް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދުން ފެށިގެން 30 މަސް ތެރޭގައި، އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ބަނދަރު ބަދަލުކޮށް، އާ ބަނދަރު ހެދުން ވެސް ހިމެނޭ ގޮތަށް މި ރަށުގެ އެއާޕޯޓް ހަދައި ނިންމައި ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު މިލަންދުއަށް ވަޑައިގަތްއިރު ރަށުގައި ހަދާފައި ހުރި ގިޑިގެއިން ވެސް ފެންނަނީ އެއާޕޯޓުގެ ވައުދެވެ. އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަށް ރިޔާސީ އިންތިހާބުގައ ރައީސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމެވެ.