މިލަންދޫގައި އިތުރު 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި
މިލަންދޫގައި އިތުރު 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ށ. މިލަންދޫގައި އިތުރު 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

އެ ރަށުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާއިރު މިދިޔަ ސަރުކާރުން 2022 ގައި އަޅަން ފެށި 50 ޔުނިޓްގެ މަސައްކަތް ވެސް އެބަ ކުރިއަށްދެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މިލަންދޫގައި މިއަދު ވަނީ އެ ރަށު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ. އަދި މިއަދު ވަނީ އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް އެމްޓީސީސީއާ އެކު ސޮއިކޮށްފަ އެވެ.