15 އޮކްޓޯބަރ 2025 - 13:55

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާފައި ވިޔަސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުވަނީސް ރާއްޖޭން އިޒްރޭލުގެ ޕާސްޕޯޓް ހުއްދަކުރުމާ މެދު ނުވިސްނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އޮތީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައި އޮތީ އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަަމަށެވެ.
އެހެންވެ، އޮކްޓޫބަރު 7 ގައި ފެށި ހަމަލާތައް ހުއްޓާލުމުން އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި އަލުން ހުއްދަވީތޯ އެއީ މިހާރު އޮތް ސުވާލެކެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ "މިހާރު" އިން އެ ސުވާލުކުރުމުން ކުރުމުން ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އައިކަމަށް ގަބޫލުކުރާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްވުމުން ކަމަށާއި އެއީ މިކަމުގައި ސަރުކާރުގެ ސްޑޭންޑް ކަމަށެވެ.
"މިކަމުގައި ސަރުކާރުގެ ސްޑޭންޑަކީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އައިކަމަށް މި ސަރުކާރުން ގަބޫލުކުރާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްވުމުން ކަމަށް. އިޒްރޭލު ޕާސްޕޯޓް ހުއްދަކުރުމާ ގުޅޭގޮތުން ސަރުކާރުން އޭގެ ކުރިން ނުވިސްނާނެ،" އުޝާމް ވިދާޅުވި އެވެ.
ޣައްޒާއަށް މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ އޭގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށައި، ހަމަލާތައް ވަނީ ހުއްޓާލައިފަ އެވެ. އަދި ޣައްޒާގެ ރައްޔިތުން އެނބުރި ވަޒަނަށް ގޮސް، އަލުން ދިރިއުޅުން ކޮޅަށް ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިއީ ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނެސް މުޅި މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ފެށުން ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ވަކާލާތު ކުރަނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ގުދުސްއަކީ، ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
ފަަލަސްތީނުގައި ވަކި ދައުލަތެއް ނުހެދޭނެ ކަމަށް އިޒްރޭލުން ބުނަމުންދަނިކޮށް ހުޅަނގުގެ އެތައް ގައުމަކުން ވަނީ މިދިޔަ މަހު އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އިއުލާނުކޮށްފަ އެވެ. ޣައްޒާގެ ސުލްހައިގެ އެއްބަސްވުން ތަންފީޒުކޮށްފި ނަމަ ފަލަސްތީން އޮތޯރިޓީ އިސްލާހުކޮށް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި އެމެރިކާއިން ވެސް މި މަޝްވަރާގެ ނިންމުން ބަލައިގަންނާނެ ކަމަށް ޣައްޒާގެ ސުލްހައިގެ ހުށަހެޅުމުގައިވެ އެވެ.