ރައީސް 100 ޕަސެންޓް ޔަގީންކަން ދެއްވި މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
ރައީސް 100 ޕަސެންޓް ޔަގީންކަން ދެއްވި މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މިލަންދޫގައި ހަދާފައި ހުރި ގިޑިގެއިން ފެންނަނީ މި ރަށު ރައްޔިތުންގެ އުއްމީދީ މަޝްރޫއު އެވެ. އެއީ، މި ރަށުގެ އެއާޕޯޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގަތް އިރު މަރުހަބާ ދަންނަވަން ނުކުމެ ތިބި ސަފުގައި އެތުރި ތިބި ކުޑަކުދިންގެ އަތުގައި އޮތީ ވެސް އެއާޕޯޓުގެ ކުރެހުމެވެ.

އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަށް ރިޔާސީ އިންތިހާބުގައ ރައީސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމެވެ. މި ޔަގީންކަން އެމަނިކުފާނު ވަނީ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ވެސް ދެއްވައިފަ އެވެ.

މިލަންދޫގެ ރައްޔިތުންނަށް ދެއްވި 100 ޕަސެންޓް ޔަގީންކަމާ އެކު މިއަދު ވަނީ ރައްޔިތުންގެ އުއްމީދީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.

އެ މީހުން ސިފަކުރި ގޮތުގައި މިއީ، އެ ރަށުގެ "ހުވަފެން ހަގީގަތަކަށް" ވުމެވެ.

އެމްއޭސީއެލްއާ ހަވާލުކޮށްގެން އަޅާ އެ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވެސް މިނިސްޓަރު ޒަމީރެވެ.

މިލަންދޫގެ އެއާޕޯޓާ އެކު ށ. އަތޮޅަށް ހަތަރު އެއާޕޯޓް ލިބޭނެ އެވެ. އެއީ މިހާރު ހިންގަމުން އަންނަ ފުނަދޫ އެއާޕޯޓާއި ރައީސްގެ މި ދަތުރުފުޅުގައި އަމަލީ މަސައްކަތް ފެށި ބިލެއްފަހީގެ އެއާޕޯޓުގެ އިތުރުން ކޮމަންޑޫގެ އެއާޕޯޓެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ކޮންމެ ސަރަހައްދަކަށް ވެސް 30 މިނެޓުން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މިލަންދޫ ކައިރީގައި އޮތް ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް އެ ދާއިރާގައި ހިމެނޭ ނަރުދު އާއި ފީވަކުން އެ އެއާޕޯޓަށް ދިއުމަށް 30 މިނެޓަށް ވުރެ ގިނައިރު ނަގާކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވެފައި ވަނީ ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށެވެ.