ސައިބާކްރައިމް ހުއްޓުވުމާ ބެހޭ މުއާހަދާގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި
ސައިބާކްރައިމް ހުއްޓުވުމާ ބެހޭ މުއާހަދާގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި

ސައިބާކްރައިމް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ މުއާހަދާގައި ރާއްޖެ ބައިވެރިވުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން ދިރާސާކޮށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި އޮތީ، އެ މުއާހަދާގައި ބައިވެރިވާން ރުހުންދޭން ފެންނަ ކަމަށެވެ.

އެ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ސައިބާކްރައިމް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔޫއެން ކޮންވެންޝަން އޮން ސައިބާކްރައިމް" އަކީ އދ.ގެ އާއްމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފާސްކުރި މުއާހަދާ އެކެވެ. އެ މުއާހަދާ އުފައްދަން އދ. އަށް ހުށަހެޅީ 2017 ވަނަ އަހަރު ރަޝިޔާއިން އިސްނަގައިގެންނެވެ.

އެ މުއާހަދާގައި ގައުމުތަކުން މައިގަނޑު ގޮތެއްގައި އެއްބަސްވާކަމަކީ އިންޓަނެޓްގެ ޒަރިއްޔާއިން ކުރާ ކުށްތައް ހުއްޓުވުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ގާނޫނުތައް އެއްގޮތް ކުރުމަށާއި އެ ދާއިރާއިން އެއްބާރުލުން ދިނުމަށެވެ.

އެގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން ދޭ އެކިއެކި ގެއްލުންތައް އެއީ ޖިނާއީ ކުށްތައް ކަމަށް މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ކަނޑައަޅަން ޖެހޭނެ އެވެ. މިސާލަކަށް، އައިޓީ ފްރޯޑާއި ގާނޫނާ ހިލާފަށް މީހުންގެ ޑިވައިސްތަކަށް އެކްސެސްވުން ފަދަ ކަންތައްތައް އެއީ ޖިނާއީ ކުށްތައް ކަމަށް ކަނޑައެޅުމެވެ.