އިޒްރޭލުން ރަފަހް ބޯޑަރު ހުޅުވާނެ ކަމަށް ބުނެފި
އިޒްރޭލުން ރަފަހް ބޯޑަރު ހުޅުވާނެ ކަމަށް ބުނެފި

ފަލަސްތީނުގެ ޣައްޒާއިން އެއްގަމު މަގުން އެހެން ގައުމަކާ ގުޅޭ ހަމައެކަނި ބޯޑަރު ކަމަށްވާ ރަފަހް މިއަދު ހުޅުވާލަން ނިންމާފައިވާ ކަމަށް އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު 'ކަން' އިން ބުނެފި އެވެ.

އިޒްރޭލުން ރަފަހް ބޯޑަރު ހުޅުވާނެ ކަމަށް ބުނެފި
އިޒްރޭލުން ރަފަހް ބޯޑަރު ހުޅުވާނެ ކަމަށް ބުނެފި

މިސްރާ ގުޅުވައިދޭ ބޯޑަރު ހުޅުވާލަނީ އިޒްރޭލާއި ހަމާސް އިން ވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"އދ. އާއި ހުއްދަ އޮތް ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަމިއްލަ ފަރާތްތަކާއި އެހެން ގައުމުތަކުން ފޯރުކޮށްދޭ އެހީގެ 600 ޓްރަކް [ބުދަ ދުވަހު] ވަންނާނެ،" ކަންގެ ވެބްސައިޓްގައި، ވަކި ބަޔަކާ ހަވާލާނުދީ ބުނެފައިވެ އެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި ޣައްޒާ ހިސާރުކޮށްފައި ބޭއްވުމުގެ ސަބަބުން މުޅި ޣައްޒާ ބަނޑަށްޖެހުނެވެ. އަދި މި ހާލަތުން އަރައިގަނެ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރަފަހް ބޯޑަރު ހުޅުވާލަން އދ. އާއި އެހީގެ ޖަމިއްޔާތަކުން އޮތީ ގޮވާލައިފަ އެވެ.

އޯގަސްޓް މަސް ނިމުނުއިރު ޣައްޒާ އޮތީ ބަނޑަށްޖެހިފައި ކަމަށް އދ. އިން ކަނޑައެޅި ނަމަވެސް އިޒްރޭލުން އެކަން އައީ ދޮގުކުރަމުންނެވެ.

ކަން އިން ބުނީ ރަފަހް ބޯޑަރު ހުޅުވާލުމަކީ ސިޔާސީ ގޮތުން ނިންނި ނިންމުމެއް ކަމަށާއި އެގޮތަށް ނިންމީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން އިޒްރޭލުގެ ހަތަރު މީހެއްގެ ހަށިގަނޑު އިއްޔެ ހަވާލުކުރުމުން ކަމަށެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން، ހަމަލާތައް ހުއްޓާލާތާ 72 ގަޑިއިރު ތެރޭ ހަމާސް އިން އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރަންޖެހެ އެވެ. އެއީ ދިރިތިބި އެންމެންނާއި މަރުވެފައިވާ މީހުން ވެސް ހިމެނޭ ގޮތަށެވެ.

އެއްބަސްވި ގޮތަށް، ހަމާސް އިން ވަނީ ދިރިތިބި 20 މީހުން އިޒްރޭލާ ހަވާލުކޮށްފަ އެވެ. އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން 28 މީހަކު މަރުވެފައި ވާއިރު އޭގެ ތެރެއިން އަށް މީހެއްގެ ހަށިގަނޑު އިއްޔެގެ ނިޔަލަށް ވަނީ ހަވާލުކޮށްފަ އެވެ.

އިޒްރޭލުގެ ހަރުކަށި ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތުމާރް ބެން ގްވިރް ވަނީ މަރުވެފައިވާ އިޒްރޭލު ސިފައިންގެ ހަށިތައް ހަމާސް އިން ހަވާލު ނުކޮށްފި ނަމަ އެހީގެ ސާމާނު ލިބުން ހުއްޓުވާނެ ކަމަށް އިންޒާރު ދީފަ އެވެ.

ކަން އިން ބުނީ ރަފަހް އަލުން ހުޅުވާލަން ނިންމީ ހަމާސް ޖަމާއަތުން އިތުރު ހަތަރު ހަށިގަނޑު މިއަދު ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. އެކަމަކު ހަމާސް އިން އެކަން އިއުލާނުކޮށްފައެއް ނުވެ އެވެ. -- އޭއެފްޕީ