އައްޑޫ ކައުންސިލު ބަދަލުކުރުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އައްޑޫ ކައުންސިލު ބަދަލުކުރުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އައްޑޫގެ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް، މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫގެ ހުޅުދޫ އާއި މީދޫ އާއި ފޭދޫގައި އައްޑޫ ސިޓީ ކައުންސިލާ ވަކިން ތިން ކައުންސިލެއް އުފެއްދުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ މި ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ވޯޓުލާން އެންމެ ފަހުން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ.

އެ ވޯޓު ލެވެނީ ހަމައެކަނި އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ މީހުންނަށް އެކަންޏެވެ. އެހެންވެ، ރީރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހެނީ އެ މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގުލިބޭ ފަރާތްތައް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަންތަން އާންމުކޮށްފަ އެވެ.

އެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ހުޅުދޫން 2،874 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު މީދޫން ވޯޓުލުމުގެ ހައްގު ލިބެނީ 2،347 މީހަކަށެެވެ.

- މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ވޯޓުލުމަށް މަޖިލިސް އިންތިހާބުގައި ރަޖިސްޓްރީ ކުރި މީހުންނަށް ވޯޓު ލެވެނީ މާލޭގައި ބަހައްޓާ ފޮއްޓަށް.

- ފޭދޫގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެ ވޯޓުގައި ރަޖިސްޓްރީވެފައި ވަނީ ފޭދޫއަށް.

- ހުޅުދޫ އާއި މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފޭދޫ މީހުން ވޯޓުލާން ޖެހެނީ ހުޅުދޫ/ މީދޫއަށް.

އިލެކްޝަންސް އިން ބުނި ގޮތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ފޭދޫ އާއި ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަަށް ވޯޓުލާން ކުރިން ރަޖިސްޓްރީވެފައިވާ މީހުންގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފަ އެވެ.

އީސީން ވަނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. އަދި އެސްއެމްއެސް މެދުވެރިިކޮށް ވެސް އެ މީހަކު ރަޖިސްޓްރީވެފައިވާ ފޮށި ބެލޭ ގޮތަށް ވަނީ ހަދައިފަ އެވެ.

- ހުޅުދޫގައި 3 ފޮށި.

- މީދޫގައި 3 ފޮށި.

- ފޭދޫގައި 5 ފޮށި.

- މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި.

- މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި.

- މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި.

އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސްގެ ގަރާރަކުން ވަނީ މިމަހުގެ 12 ގައި އިސްލާހު ކުރައްވައިފަ އެވެ.

ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު ވަނީ އުނިކުރައްވައިފަ އެވެ. އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.

އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.