ނަރުދޫން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން: ރައީސް
ނަރުދޫން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން: ރައީސް

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ށ. ނަރުދުއަށް ވެވަޑައިގަތް ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ފަހިވާ ހުރިހާ ކަމެއްގައި ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަންކަން ކުރިއަށް ގެންދަން ކަމަށެވެ.

ނަރުދޫގައި މިއަދު ވަނީ ތިން މަޝްރޫއުއެއް އަލަށް ފަށައި ދެ މަޝްރޫއެއްގައި ސޮއިކޮށްފަ އެވެ. އެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ހުރިހާ ވައުދެއް ވެސް ފުއްދަވައި ދެއްވާނެ ކަަމަށެވެ. އެ ރަށުގައި މިއަދު ފެށި ސްކޫލްގެ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ވެސް މި މަސްތެރޭ ބަޔަކާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަނގަޅު ފެންވަރުގެ ފުޓްބޯޅަދަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށައި މި އަހަރު އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ނަރުދަމާގެ މައްސަލަ އާއި ބަނދަރުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން އަންނަ މަހު ފަށައި ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

- ބަނދަރު ފުޅާކުރުން

- ގޮނޑުދޮށް ހިމާޔަތް ކުރުން

- ގޯތި ދިނުން

- ފުޓްސަލް ދަނޑު މަރާމާތު ކުރުން

- ހޭންޑްބޯލް ކޯޓެއް އެޅުން

- ހެލްތު ސެންޓަރުގެ މަސައްކަތް 16 ގަޑިއިރަށް ބަދަލުކުރުން

- ކައުންސިލް އިމާރާތުގެ ބިންގާ އެޅުން