15 އޮކްޓޯބަރ 2025 - 12:02

އަބުރުގެ ގާނޫނުގެ ބިލް މަޖިލީހުގެ މިއަހަރުގެ މި ދައުރަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަަވާބުދެއްވަމުން އުޝާމް ވިދާޅުވީ އަބުރުގެ ގާނޫނުގެ މަސައްކަތް މިހާރު އަވަަސްކުރަން ޖެހިފައިވާ ކަމަށާއި އެއީ އަބުރުގެ ބަަދަލު ނަގައިދިނުމުގެ ގަވައިދަށް ބާރުދޭ އާއްމު ގަވައިދުތަކުގެ ގާނޫނުގެ މުއްދަތު އަންނަ އަހަރު ހަމަވާތީ ކަމަށެވެ.
އާއްމު ގަވައިދުތަކުގެ ގާނޫނަކީ އާ ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި އިރު އަމަލުކުރަމުން އައި ބައެއް ގަވައިދުތަކަށް ބާރުދޭނެ ގާނޫނު ނެތުމުން، އެ ގަވައިދުތަކަށް ބާރުދޭން ހެދި ވަގުތީ ގާނޫނެކެވެ.
އެ ގާނޫނު އޭރު ފާސްކުރީ ވަކި މުއްދަތެއްގެ ތެރޭގައި އުވޭ ގޮތަށް ކަމަށް ވިޔަސް އެ ގާނޫނުން ބާރުދީފައި ހުރި ބައެއް ގަވައިދުތަކަށް ބާރުދޭނެ ގާނޫނުތައް ނައުމުން، މަޖިލީހުން އައީ އެ ގާނޫނުގެ މުއްދަތު އިތުރުކުރަމުންނެވެ. އޭޖީ ވިދާޅުވި ގޮތުގައި އެ ގޮތަށް އެންމެ ފަހުން ދިން މުއްދަތު ވެސް އަންނަ އަހަރު ހަމަވާނެ އެވެ.
އޭޖީ ވިދާޅުވީ އާއްމު ގަވާއިދުތަކުގެ ގާނޫނު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ.
"އެހެންވީމާ އޭގެ ކުރިން [އާއްމު ގަވައިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު ހަމަވުމުގެ ކުރިން] މިހާރު އޭގައި ހިމެނޭ އަބުރުގެ ގަވައިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިއްމުކަމެއް. އެހެންވީމާ މިހާރު އަމަލުކުރަމުންދާ އަބުރުގެ ގަވައިދުގެ ބަދަލުގައި އަަބުރުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓްގައި އެ ބިލު ހިމަނައިގެން، އޭޖީ އޮފީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަބުރުގެ ބަަދަލު ނަގައިދިނުމުގެ ގަވާއިދު ގާނޫނަކަށް ބަދަލުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޭރުގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ފޮނުއްވި ލިސްޓެއްގައި ވެސް ހިމެނުއްވި އެވެ. ނަމަވެސް އޭރު އެ ބިލު ހުށައެއްނާޅުއްވަ ނެތެވެ.
އަބުރު ރައްކާކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރި ނަމަވެސް 19 ވަނަ މަޖިލީހުން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.