15 އޮކްޓޯބަރ 2025 - 09:53

އަމިއްލަ ބިމުގައި ސިންގަޕޫރު އަތުން 2-1 އިން ބަލިވެ އިންޑިއާ އަށް ކުރިއަށް އޮތް އޭޝިއަން ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.
ސައޫދީ އަރަބިއްޔާގައި 2027 ގައި އޮންނަ އޭޝިއަން ކަޕް ކޮލިފައިން އިން އިންޑިއާ ކެޓީ ބާކީ ދެ މެޗު އޮއްވަ އެވެ. އިންޑިއާ އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާ އެކު ގްރޫޕުގެ ފުލުގަ އެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާ ބަންގްލަދޭޝް އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
މި ގްރޫޕުން އޭޝިއަން ކަޕުގެ ފުރުސަތު އޮތީ 8 ޕޮއިންޓް ހޯދާފައިވާ ހޮންކޮން އާއި ސިންގަޕޫރަށެވެ. މީގެ ތެރެއިން ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ، ބަންގްލަދޭޝްއާ އިއްޔެ 1-1 އިން އެއްވަރުވި ހޮންކޮން އެވެ.
އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ގޯއާގެ ޕަންޑިތު ޖަވާހަރަލްލާލް ނެހުރޫ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ވެސް ނެގި އެވެ. މި ގޯލް 14 ވަނަ މިނެޓުގައި ޖެހީ ލަލިއަންޒުއާލާ ޗާންގްޓޭ އެވެ. ސިންގަޕޫރުން އެއްވަރުކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސޮން އުއި-ޔަންގް ޖެހި ގޯލުންނެވެ. ސިންގަޕޫރަށް ލީޑު ނަގައިދިނީ ވެސް 58 ވަނަ މިނެޓުގައި އޭނާ އެވެ.
އެންމެ ފަހު ހަތަރު އޭޝިއަން ކަޕުގެ ތެރެއިން ތިން ފަހަރު ކޮލިފައިވި އިންޑިއާ އަށް މި ފަހަރުގެ ކޮލިފައިންގައި ބާކީ އަދި ދެ މެޗު އެބައޮތެވެ. އެއީ އަންނަ މަހު ރަށުން ބޭރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ އަހަރުގެ މާޗު މަހު އަމިއްލަ ދަނޑުގައި ހޮންކޮންއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭގެ މެޗަކީ އިންޑިއާގައި ފުޓްބޯޅަ އެންމެ މަގުބޫލު އެއް ސްޓޭޓް ކަމަށްވާ، ގޯއާގައި އިންޑިއާ ގައުމީ ޓީމުން 8 އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު މުހިއްމު މި މެޗަށް، 19،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމަށް މަދު ބަޔަކު ވަނުމުން އިންޑިއާ މީޑިއާ އިން އަންނަނީ ފާޑުކިޔަމުންނެވެ. މި މެޗަށް ވިކުނީ ހާހެއްހާ ޓިކެޓް ކަމަށާއި، ކޮމްޕްލިމެންޓްރީ ޓިކެޓްތަކާ އެކު ދަނޑަށް ވަނީ ދެހާހެއްހާ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީހުން މަދުވުމުގެ ސަބަބަކީ މެޗު ރަނގަޅަށް މާކެޓްނުކުރެވުން ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.