15 އޮކްޓޯބަރ 2025 - 10:34

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވަން ހިންގި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ސްޓޭޝަން ޕްރޮޖެކްޓް" ހަވާލުކުރި ސްރީ ލަންކާގެ ކުންފުނިން މަސައްކަތް ފުރިހަމަނުކޮށް އޮތުމުން ކުރި ދައުވާ، އެއީ މިހާރު ވުޖޫދުގައި އޮތް ކުންފުންޏެއްކަން ވެސް ނޭނގޭތީ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ޕީއެސްއެމް އާއި ލަންކާގެ ތާންތުރީ ޓްރެއިލާސްއާ ދެމެދު ޑިސެމްބަރު 3، 2017 ގައި ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެ، ރާއްޖޭގެ އީއީޒެޑަށް ފްރިކްއެންސީ ލިބުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނެތް ކަމަށް ޕީއެސްއެމްގެ ދައުވާގައި ބުނެފައިވެ އެވެ.
އެކަންކަން ފުރިހަމަ ކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް، ދައުވާ ލިބޭ ފަރާތުން އެ ކަންކަން އެއްބަސްވުމާ އެއްގޮތަށް ކޮށްފައިނުވާ ކަމަށާއި އެކަންކަން ފުރިހަމަކުރުމަށް އަންގައި އަމުރުކުރުމަށާއި އެކަންކަން ފުރިހަމަ ކުރެވެން ނެތް ނަމަ، އެކަން ފުރިހަމަކުރުމަށް ހިނގާނެ ކަމަށް އަންދާޒާކުރެވޭ ހަރަދު ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ނަގައިދިނުމަށް ޕީއެސްއެމްގެ ފަރާތުން ދައުވާގައި އެދުނެވެ.
މި ދައުވާއާ ގުޅިގެން ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ފޯމުގައި ދީފައިވާ ނަމްބަރާއި ދައުވާ ފޯމުގައި ހިމަނާފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް، ތާންތުރީ ޓްރެއިލާސް އަށް ލިޔެކިޔުންތައް ރައްދުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ޑެލިވާ ނުވެ ފެއިލްވެފައިވާ ކަމަށާއި އެހެންވެ އެ ފަރާތުގެ މިހާރުގެ ނަމްބަރު ހިއްސާކުރުމަށް ޕީއެސްއެމަށް 2023ގެ ޑިސެމްބަރުގައި އެންގި ކަމަށް ހުކުމުގައިވެ އެވެ.
އެ އެންގުމާ ގުޅިގެން، ދައުވާ ލިބޭ ފަރާތުގެ އެޑްރެސްގެ ގޮތުގައި ޕީއެސްއެމަށް ލިބިފައިވާ މައުލޫމާތު ކަމަށް ބުނެ، ހިއްސާކުރި މައުލޫމާތުން ވެސް އެ ކުންފުންޏަށް ލިޔެކިޔުންތައް ރައްދުކުރެވިފައިނުވާ ކަމަށް ސިވިލް ކޯޓަށް ވަނީ އަންގައިފަ އެވެ.
ހުކުމުގައި ބުނެފައިވަނީ، ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ރައްދުކުރުމުގެ ފުރުސަތު ޕީއެސްއެމަށް ވެސް ދިން ކަމަށާއި ލިޔުންތައް ރައްދުކުރެވިއްޖެ ނަމަ، އެކަމުގެ މައުލޫމާތު ކޯޓާ ހިއްސާކުރަން ވެސް މިއަހަރުގެ ފެބްރުއަރީ މަހު އެދިފައިވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ފޮރިން މިނިސްޓްރީ އާއި ސްރީ ލަންކާ ހައި ކޮމިޝަނާ ގުޅިގެން އެ ކުންފުނީގެ މައުލޫމާތު ހޯދަން މަސައްކަތްކުރާ ކަމަށް ކޯޓަށް އަންގައިފަ އެވެ. އެެހެންވެ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏަސް މިއަދާ ހަމައަށް ވެސް އެކަމުގައި ކަން ހިނގާފައިވާ ގޮތް ކޯޓާ ހިއްސާކޮށްފައިނުވާ ކަމަށް ބުންޏެވެެ.
ގާޒީ ފައިސަލް އާދަމް އިއްޔެ ކުރެއްވި ހުކުމުގައި ވަނީ، ދައުވާއާ އެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އެ މުއާމަލާތް ހިނގާފައި ވަނީ 2017 އަދި 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތަށް ކޮމިއުނިކޭޓްކުރުމަށް ކުރި މަސައްކަތުން އެ ފަރާތަކީ ވުޖޫދުގައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރުކުރެވެން ނެތް ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ، 2023 ގައި ހުށަހެޅި އެ މައްސަލައިގެ، އަސާސީ މައުލޫމާތު ލިބެން ނެތް ހާލަތުގައި އެ މައްސަލައަކީ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް އެޅެން ނެތް ގޮތެއްގައި މައްސަލަ ކޯޓުގައި ބޭއްވުމުގެ ބަދަލުގައި މައްސަލަ ނިންމަން ޖެހޭތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން ގާޒީ ނިންމެވީ އެވެ.