ވަންދޫ މީހުން ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާއަށް ދަނީ
ވަންދޫ މީހުން ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާއަށް ދަނީ

ތ. ވަންދޫ މީހުން، އެ އަތޮޅާ ޖެހިގެން އޮތް ދ. ކުޑަހުވަދުއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު މިއަދު ވިދާޅުވީ، އެ ކައުންސިލުން އިސްނަގައިގެން ބައްދަލުވުންތައް ފެށީ، އެ ރަށަށް ބަދަލުވުމަށް ވަންދޫގެ ބައެއް މީހުން އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރުމުން ކަމަށެވެ.

އެ ކައުންސިލުން ވަންދުއަށް ގޮސް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ރަށުގެ ކައުންސިލާއި އާއްމުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ އެއީ ކުރިއަށް ގެންދެވިދާނެ މަޝްވަރާތަކެއް ކަމަށް ކަނޑައަޅައި، ކަމާގުޅުން ހުރި އިދާރާތަކާއެކު އެ ވާހަކަތައް ކުރިއަށްގެންދަން ނިންމައިފަ އެވެ.

ވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަމީން ވިދާޅުވީ ކުޑަހުވަދޫން ހުށަހެޅީ، ވަންދޫ މީހުން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ރަށަކީ ކުޑަހުވަދޫ ކަމަށް އިހްތިޔާރުކޮށްދިނުމަށް ކަމަށެވެ.

އެކަމުގައި އާއްމުންގެ ހިޔާލު ހޯދަން ކައުންސިލުން އަންނަ ހަފުތާގައި ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.

ވަންދޫގައި ރަޖިސްޓްރީވެފައިވަނީ 398 މީހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ އެއަށް ވުރެ މަދުވާނެ އެވެ.

އެ ރަށުން މީހުން ބަދަލުކުރުމުގެ ވާހަކަތައް ފެށިއިރު، ވިޔަފާރީގައި ކުރިއަރާފައިވާ ކުޑަހުވަދޫން އަންނަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އޭގެ ފުރަތަމަ ފިޔަވަހީގައި، ރަށުން ބޭރު މީހުންނަށް ވެސް ގަނެވޭ ގޮތަށް މި ފަހުން ވަނީ ހައުސިން މަޝްރޫއެއް އެ ރަށުގައި ފަށައިފަ އެވެ.

ކުޑަހުވަދޫގެ ދާއިމީ އެޑްރެސްގައި މި ވަގުތު 3،600 މީހުން އެބަތިއްބެވެ. އެކަމަކު، އެހެން ރަށްރަށާ ހިލާފަށް އެ ރަށުގައި ދިރިއުޅޭ މީހުން ގިނަ އެވެ.

ޖާދުﷲ މީގެ ކުރިން "މިހާރު"އަށް ވިދާޅުވީ ކުޑަހުވަދޫގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެ އަދަދު 10،000 އަށް އިތުރުކުރުމަކީ ކައުންސިލްގެ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.