31 މާޗް 2017 - 06:42

އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ހާފް ގާލްފަރެންޑް"ގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު މޯހިތު ސޫރީގެ މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ "ހާފް ގާލްފްރެންޑް" ކިޔާ ވާހަކައިގެ އެޑަޕްޓޭޝަން އެކެވެ.
ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ އަރްޖުން އާއި ޝްރައްދާ ވާރެއާ ތެމިގެން ތިއްބަ އެވެ. ކޮނޑާއި ކޮނޑު އަދި އަތާއި އަތް ގުޅާލައިގެންނެވެ.
މޭ މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އަރްޖުން ކުޅެނީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްގެ ރޯލެވެ. ޝްރައްދާ ކުޅެނީ ވަރަށް މުއްސަނދި މީހެއްގެ ދަރިއެއްގެ ބައެވެ.
މި ފިލްމުގައި ބާސްކެޓްބޯޅަ ކުޅޭ މަންޒަރު ވަރަށް ގިނައިން ދައްކަ އެވެ. އަރްޖުން އަކީ ވަރަށް މޮޅަށް ބާސްކެޓްބޯޅަ ކުޅޭ މީހެއް ނަމަވެސް ޝްރައްދާ އަށް ޖެހުނީ މި ކުޅިވަރު ދަސްކުރާށެވެ. ޝްރައްދާ އަށް ދަސްކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ބާސްކެޓް ކޯޗެއް ގެނެސް އެއް މަސް ދުވަސް ވަންދެން ތަމްރީނުތައް ބާއްވާފައިވެ އެވެ.
މި ފިލްމުން ވަނީ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އާ ވެސް ގުޅިފަ އެވެ. މި ފިލްމު ޝޫޓްކުރުމުގައި އެ އެސޯސިއޭޝަންގެ ކުޅަދާނަ ކުޅުންތެރިން ވެސް އެހީތެރިވެދީފައިވެ އެވެ. އަދި ފިލްމުގައި ދައްކާ ބާސްކެޓް މެޗުތަކުގައި ވެސް އެންބީއޭގެ ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.