15 އޮކްޓޯބަރ 2025 - 10:01

ލަޓްވިއާ 5-0 އިން ބަލިކޮށް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ގައުމުގެ ޝަރަފް އިންގްލެންޑް ހޯދި މެޗުގައި އެ ގައުމުގެ ސަޕޯޓަރުން، ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ޖަވާބު ދީފި އެވެ.

ލަޓްވިއާގައި ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ކުރިން އިންގްލެންޑުގައި ވަނީ ވޭލްސްއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބުގެ އަޑު މަޑުވުމުން ޓުޗެލް ވަނީ ސަޕޯޓަރުންގެ އެހީ ފުރިހަމައަށް ޓީމަށް ނުލިބޭކަމަށް ބުނެފަ އެވެ. މިއާ ގުޅިގެން ރޭގެ މެޗުގައި ސަޕޯޓަރުން ވަނީ ޓުޗެލް އަށް އޭގެ ރައްދު ދީފަ އެވެ.

"އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު. އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު. ތޯމަސް ޓުޗެލް، އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު،" އިނގިރޭސި ސަޕޯޓަރުން އަޑު ހަރުކޮށް ގޮވި އެވެ.
މި ގޮވުންތަކާ އެކު އަވޭ ސަޕޯޓަރުންގެ އަޑު ގަދަކޮށްލުމުން ރޭގެ މެޗުގައި ޓުޗެލް ހުރީ ވަރަށް އުފަލުންނެވެ.
"އަހަރެމެންގެ އަޑު ގަދަތަ؟" އިނގިރޭސި ސަޕޯޓަރުން އެހެން ގޮވުމެއްގައި ބުނެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ފުރަތަމަ ގޯލު ޖަހައިދިނީ އެންތޮނީ ގޯޑޮން އެވެ. އެއަށް ފަހު ހާފު ނިމުމުގެ ކުރިން ހެރީ ކޭން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިދީފަ އެވެ. މިއާ އެކު ކޭން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 113 މެޗުން 76 ގޯލު ޖަހައިދީފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލަޓްވިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ފަހު ލަނޑު ޖެހީ އެބެރޭޗީ އެޒީ އެވެ.
މި މެޗުގައި ކޭން އަށް ނުކުޅެވޭނެ ކަމަށް ކުރިން ހީކުރެވުނެވެ. ބެޔާން މިއުނިކާ އެކު ފަހު މެޗުގައި ދިމާވި އަނިޔާއަކާ ގުޅިގެން ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ނުކުޅެ އެވެ. ކޮލިފައިން މެޗުގެ ކުރިން އޮލީ ވަޓްކިންސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ކޮލިފައިންގެ މެޗުތަކަށް ފަހު އިންގްލެންޑްގެ އިތުރުން ރޭ ވަނީ އިތުރު ފަސް ގައުމަކުން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. އެއީ ދެކުނު އެފްރިކާ، ގަތަރު، ސައޫދީ އަރަބިއްޔާ، އައިވަރީ ކޯސްޓް އަދި ސެނެގާލް އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްްގައި މުޅިން އަލަށް 48 ޓީމު ވާދަކުރާއިރު، ހޯސްޓް ތިން ގައުމާ އެކު ޖުމްލަ 28 ޓީމުގެ ޖާގަ ވަނީ ޔަގީން ވެފަ އެވެ.