އިޓަލީ އުއްމީދު ދެމެހެއްޓިއިރު، އިޒްރޭލަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ
އިޓަލީ އުއްމީދު ދެމެހެއްޓިއިރު، އިޒްރޭލަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ

އިޒްރޭލް އަތުން 3-0 އިން މޮޅުވެ އިޓަލީން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދެމެހެއްޓިއިރު، އިޒްރޭލަށް އެ މުބާރާތުން ފުރުސަތު ނުލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

މި ގްރޫޕުން އެއް ވަނަ ހޯދައި ވޯލްޑް ކަޕުން ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތާއި، ދެ ވަނަ އަށް ގޮސްގެން ޕްލޭއޮފުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ލިބެން އޮތީ ހަމައެކަނި ނޯވޭ އާއި އިޓަލީ އަށެވެ. ނޯވޭ އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އިޓަލީ ދެ ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ނުވަ ޕޮއިންޓް ހޯދާފައިވާ އިޒްރޭލާއި، ހަތަރު ޕޮއިންޓާ އެކު އޮތް އެސްޓޯނިއާ އަދި، އެންމެ ޕޮއިންޓެއް ލިބިފައިވާ މޯލްޑޮވާ އަށް ވޯލްޑް ކަޕުގެ ފުރުސަތެއް ނެތެވެ.

އެއް ވަނައިގައި ގްރޫޕް ނިންމުމުގެ އަމިއްލަ ބާރު ނޯވޭ އަށް އެބައޮތެވެ. އެ ޓީމަށް ދެން އޮތީ އެސްޓޯނިއާ އާއި، އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕުން ވެސް ފުރުސަތު ނުލިބުނު އިޓަލީ އަށް ދެން އޮތީ މޯލްޑޮވާ މެޗާއި، ނޯވޭ މެޗެވެ. އިޓަލީ އަށް އެއް ވަނަ ލިބޭނީ އެ ދެ ދެ މެޗުން މޮޅުވެ، އަދި ނޯވޭ ކުޅެން ޖެހޭ ދެ މެޗުގެ ތެރެއިން މެޗަކުން ބަލިވެއްޖެ އެވެ.

އިޓަލީގެ އުދިނޭގައި ރޭ ކުޅުނު މެޗުގެ ކުރިންނާއި، ސްޓޭޑިއަމުގެ ތެރޭގައި އިޓަލީގެ ސަޕޯޓަރުން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އަދި އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިޓަލީ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް ހަޅޭލަވައިފަ އެވެ. ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދޭތެރޭ އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމު ފުޓްބޯޅައިން ސަސްޕެންޑްކުރަން ވެސް އިޓަލީގެ ކޯޗުން ވަނީ މި މެޗުގެ ކުރިން ގޮވާލައިފަ އެވެ.

ރޭގެ މެޗުގައި އިޓަލީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ސައުދީ އަރަބިއްޔާގެ އަލް ގަދްސިއާ އަށް ކުޅެމުން އަންނަ މަޓެއޯ ރެޓެގޫ އެވެ. މީގެ ތެރެއިން ފުރަތަމަ ގޯލް އޭނާ ޖެހީ ޕެނަލްޓީއަކުންނެވެ. އިޓަލީގެ ތިން ވަނަ ގޯލަކީ ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޑްވެފައި ހުރި އަލެސަންދްރޯ ބަސްޓޯނީގެ ބަދަލުގައި ޑިފެންސަށް ކުޅުނު ޖިއަންލޫކާ މަންޗިނީ އެވެ.