ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ، ބޮޑު ޑްރެޖަރުން ހިއްކާނީ ރަސްމާލެ
ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ، ބޮޑު ޑްރެޖަރުން ހިއްކާނީ ރަސްމާލެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވެސް ޕްލޭނެއް އޮވެގެން ކަމަށާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.

ބައެއް އަތޮޅުތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.

- މި މަސް ނިމުމުގެ ކުރިން ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ. މި ޑްރެޖަރު ގެންދާނީ ތ. ވިލުފުށީގެ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކަން.

- އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ރާއްޖެ ގެންނާނެ، އެ ޑްރެޖަރުން މަސައްކަތް ކުރާނީ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކަން.

- ތިން ވަނަ އަށް ވެސް ގެންނާނެ ކަމަށް ރައީސް ރޭ ވިދާޅުވީ 45،000 ޓަނުގެ ޑްރެޖަރެއް. ކުރިއަށް އޮތް ޑިސެމްބަރު ދެ ވަނަ ހަފުތާގައި އެ ޑްރެޖަރު ރާއްޖެ ގެނެސް ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހއ. އަތޮޅު ނިންމާ ގޮތަށް އެ ޑްރެޖަރު ފޮނުވައިލާނީ ށ. އަތޮޅު އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކާށެވެ. އަދި ށ. އަތޮޅުގައި ހިއްކަން ނިންމާފައިވާ ހުރިހާ ބިމެއް ނިންމުމަށްފަހު މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލް އިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިން ވެސް ޑްރެޖަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.