ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

ރާއިފު ދުއްވައިގަތް ދިމާއަށް ޒަހީން ވެސް ދުއްވައިގަތެވެ. ޒަހީން ހިތަށް އެރިއެވެ. ރާއިފު އެ ކުރާ ކަމެއް މިރޭ ބަލާނަމެވެ. އޭނަ އެހެރީ ޖިންނިއަވަލަވައިފައެވެ. ނުވަތަ ސިއްރުން ރާއިފު ކޮންމެވެސް ކަމެއް ހިންގަނީއެވެ. ރޭގަނޑުގެ ވަގުތެވެ. ވަރަށް އަނދިރިއެވެ. ޒަހީންއަށް ތަންތަން ފެންނަނީ ވަރަށް ވިސްނީމައެވެ. ރާއިފު އެހެނެއް ނޫނެވެ. އޭނަ ދުވާ ގޮތުން ޒަހީންއަށް ހީވަނީ މުޅި ތަން އޭނައަށް ފެންނަ ހެންނެވެ. ނޫނީ ރާއިފު ފަރިތައީއެވެ. ދެ މީހުންގެ ދުވެލި ވަރަށް ތަފާތެވެ. ޒަހީންއަށް ރާއިފު ގެއްލޭ ފަހަރު ވެސް އައެވެ. އެއްފަހަރަކު ޒަހީންގެ އަތް ތަނެއްގައި އަޅައިގެންފައި މަށައިގެންދިޔައެވެ. އަނެއް ފަހަރު އެއްޗެއްގައި އަޅައިގެންފައި ވެއްޓުނެވެ. ދެން ތެދުވި އިރު ރާއިފު ފެންނާކަށް ނެތެވެ.

ވަރުބަލިވެ، މާނޭވާލާން އިރުކޮޅަކު އިށީނދެގެން އިނދެފައި ޒަހީން ތެދުވެ، ހިނގަން ފެށިއެވެ. ހިތުގައި އޮތެވެ. ރާއިފު ކުރާ ކަމެއް ބަލައިފައި ނޫނީ ކޮޓަރިއަކަށް ނުދާނަމެވެ. ދޭތެރެއަކުން ވިދައިލައެވެ. ގުގުރާ އަޑެއް ނީވެއެވެ. ގަސްތައް ތުނިވެ، ހާއަޅާ ދިމަދިމާއިން ބޮކީގެ އަލި ފެނެއެވެ. ރާއިފެއް ނުފެނެއެވެ. ހިނގަމުންހިނގަމުން ޒަހީނަށް އަތިރިމައްޗަށް ނުކުމެވުނެވެ. އެ ތަން ވެސް ވަރަށް ފަޅެވެ. އުދަރެހުގެ ދެ ދިމާއަކުން ވިދައެވެ. ހޮނުކަނޑައިގެންދާ ތަން ވެސް ފެނެއެވެ. ކަނޑާއި ވައި ވަރަށް ގަދައެވެ. ވާރޭ ތުނިކޮށްލިއެވެ. ރާއިފު ގެއްލުމުން ޒަހީން ވަރަށް މާޔޫސްވިއެވެ. ބޮޑު ރަޖައެއް އަޅައިގެން ކޮޓަރީގައި ނިދަން އޮވެވުނު ނަމައޭ ހިތަށް އެރިއެވެ.

ވަށައިގެން ބަލަމުން، މަޑުމަޑުން ކުރިޔަށް ހިނގަނިކޮށް ފާޑެއްގެ ފިޔަވަޅެއް ފެނުނެވެ. ހީވަނީ އިންސާނެއްގެ ފިޔަވަޅު ހެންނެވެ. އެހެނަސް އިނގިލިތައް ވަކި ނުވެފައި، ފިޔަވަޅު ފުންވެފައި، ބޮޑެވެ. ހުރީ އެކަތިގަނޑެއް ހެންނެވެ. ފިޔަވަޅުގެ ވަށައިގެން ނޫކުލައިގެ ރެދަން ފަށެއް ހުއްޓެވެ. ޒަހީންގެ ފައި އެ ފިޔަވަޅު މަތީގައި ބެހެއްޓުމުން ވަށައިގެން ދެ އިންޗި ހައި ތަން އެ ފިޔަވަޅު ފުޅައެވެ. ފިޔަވަޅުގައި ޒަހީން ފައި ހާކައިލިއެވެ. ހުރި ވަރަށް ވުރެ ރެދަން ގަދަވެފައި ރެނދަނުގެ އަސަރު ކެނޑުނެވެ. ޒަހީން ކުރިޔަށް ހިނގިއެވެ. ތަންކޮޅަކަށް ހިނގައިލި ތަނައި އެހެން ފިޔަވަޅެއް ފެނުނެވެ. ދެ ފިޔަވަޅު ދޭތެރޭގައި ޒަހީންގެ ފަސް ފިޔަވަޅުގެ ދުރުމިން ހުއްޓެވެ. ޒަހީން ވިސްނައިލިއެވެ. އެއީ އިންސާނުންގެ ފައި ހުންނަހެން ކުރިޔަށް ފުޅާކޮށް، ފަހަތަށް ހިމަކޮށް ހުރި ފަޔެއް ނަމަ، މިސްރާބު ހުރީ މޫދުން ވަލުތެރެއަށެވެ. ޒަހީންގެ ހުރީ މަސްހުނި ވިސްނުމެކެވެ. ދާންވީ ކޮޓަރިއަށް ކަމެއް، ވަންނަންވީ ވަލަށް ކަމެއް ނުނިންމުނެވެ. އެ ވަގުތު ވަރަށް ގަދައަށް ވިދައިލިއެވެ. ކޮޓަރީގައި އޮތް ނަމަ ޒަހީން ނިންމާނީ އެއީ ވިދުވަރުގެ އަލި ކަމަށެވެ. ހަގީގަތުގައި އެއީ ވިދުވަރުގެ އައްޔެއް ނޫނެވެ. އެ ކަމެއް ހިނގީ ޒަހީން ކުރިމަތިލައިގެން ހުރި ދިމާ ވަލުތެރެއިންނެވެ.

ޒަހީން މަޑުމަޑުން އެ ދިމާއަށް ހިނގަން ފެށިއެވެ. އަނެއްކާ ވެސް ވިދައިލިއެވެ. އެ ފަހަރު އަޑެއް އިވުނެވެ. ވެލްޑިން ކުރާ އިރު އިވޭ ކަހަލަ އަޑެކެވެ. ވަނީ ކީއްތޯ ބަލައިލަން ޒަހީން ބޭނުމެވެ. ވާރޭ އަނެއްކާ ވެސް ބޯކުރަން ފެށިއެވެ. ފާޑެއްގެ އަޑެއް އިވެން ފެށިއެވެ. ހީވަނީ ކޮންމެވެސް ތަނެއްގައި ވައި އަޅާހެންނެވެ. ރިޒޯޓުގެ މީހުން ނޫޅޭ ހިސާބު ކަމުން، ވަލުތެރޭގައި މީހަކު ނޫޅޭނެ ކަމާއި މަސައްކަތެއް ނުހިނގާނެކަން ވެސް ޒަހީންއަށް ޔަގީނެވެ. އަމުދުން އެހައި ވިއްސާރަ ރެޔަކު ކުރަން އޮންނާނީ ވެސް ކޮން މަސައްކަތެއް ހެއްޔެވެ؟

ބޯކޮށް ހެދިފައިވާ މަގޫގަސްތައް ކައިރިއަށް ޒަހީނަށް ދެވުނު އިރު، އެންމެ ފަހު ރެދަން ފިޔަވަޅު ވެސް ހުރީ އެ ތަނުގައެވެ. އެތެރެއަށް ވަން އެއްޗެއް ވަދެފައި ވަނީ އެ ދިމާއިންނެވެ. ޒަހީން ގަސްތަކު ތެރެއިން ކުރިޔަށް ދާ ވަރަކަށް އިތުރު އަޑެއް ގަދަވާން ފެށިއެވެ. އެއީ ހުތުރު އަޑެކެވެ. ކިރިޔާ ވެސް ގާތްކުރަނީ ހިމާރެއް ހޭރޭ އަޑާއެވެ. އެކަމަކު އަޑުގައި ފުސްކަމަކާއި ބަރުކަމެއް ހުއްޓެވެ. ހީވަނީ ރުޅި އައިސްގެން ވާހަކައެއް ދައްކާ ހެންނެވެ. ދެ ފަހަރަކު ޒަހީން ހުއްޓުނެވެ. އައި ކޮޅަށް ދާން ހިތަށް އެރިއެވެ. ދެން ވެސް ހިނގުނީ ކުރިޔަށެވެ. ވާކޮށް ހެދިފައިވާ އެކި ކަހަލަ ގަސްތަކުގެ ފަތްތައް ދުރުކުރަމުން ގޮސް އެންމެ ފަހު ފަތްތައް ދުރުކޮށްލި ވަގުތު ޒަހީން ގަނޑުވި ކަހަލައެވެ. ހިތް ހުއްޓުނު ކަހަލައެވެ. މަޑުމަޑުން ފަތްތަކުން އަތްދޫކޮށްލާފައި، އައި ކޮޅަށް ހިނގައިގަތެވެ. ހިނގުން ބާރު ކުރަން ފެށިއެވެ. ދުއްވައިގަތެވެ. އެއްޗެއް ފަހަތުން އަންނަހެން ހީވިއެވެ. ފަހަތް ބަލާކަށް ޒަހީނަކަށް ނުކެރުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ލެއްޕިއެވެ. ކޮޓަރި އޮތީ ހަމަހިމޭންކޮށެވެ.

ފެންމާގަނޑުން ހޫނުފެން އޮހެމުންދިޔައެވެ. ހަރަކާތް ހުއްޓިފައި، މާގަނޑު ދަށުގައި ޒަހީން ހުންނަތާ ވީ ކިހައި އިރެއް ކަމެއް ޒަހީނަކަށް ވެސް ނޭނގެއެވެ. ވަރުބަލިކަމެއް ނުކެނޑެއެވެ. ގެންފައިވާ ބިރެއް ނުފިލައެވެ. ސިކުނޑީގައި އެނބުރެނީ، ކުޑަ އިރުކޮޅެއް ކުރިން ލޮލަށް ފެނުނު މަންޒަރެވެ. ކުއްލިއަކަށް ޒަހީން ސިއްސައިގެންދެ އެވެ. އެކި ދިމަދިމާއަށް ބެލެއެވެ. ފަސްއެނބުރެއެވެ. ދެއަތަކަށް ބޯހޫރައިލެވެއެވެ. ހިތަށް އަރައެވެ. ނޫނެކެވެ. ގަސްތަކު ތެރެއިން ފެނުނު މަންޒަރު އެއީ ޒަހީނަށް ހީވި ގޮތެކެވެ. ތަންކޮޅެއް ކައިރިއަށް ގޮސް ބެލުނު ނަމަ ހަގީގަތް އެނގުނީހެވެ. މާގަނޑުން އޮހޭ ފެންތައް ނަނުފަށްތަކެއްހެން ޒަހީންގެ ކަރުގައި އޮޅިގަތުމުން، ތެޅިފޮޅިގެންފައި ޒަހީން ދުރަށް ޖެހިލިއެވެ. އެއީ ހީއެކެވެ. މާގަނޑުން އޮހެނީ ފެނެއެވެ. ފެން ވަރަން ހުންނަ އިރު ލޯގަނޑުން ޒަހީނަށް ޒަހީން ފެނެއެވެ. އެކަމަކު ޒަހީން ކުރާ ހުރިހައި ހަރަކާތެއް، ލޯގަނޑުން ފެންނަ ޒަހީން ކުރާ ހެނެއް ހިޔެއް ނުވެއެވެ. ޒަހީން އަތްހޫރައިލުމުން ވެސް އޭނަ ހުއްޓިގެން، ކަޅިއަޅައިގެން ހުރެދާނެއެވެ. ޒަހީން އިސްޖަހާލައިގެން ހުރެފައި، ސިއްރުން ލޯގަނޑަށް ބަލައިލާ އިރު، އޭނަ މަޑުމަޑުން އިސްއުފުލާލައިފާނެއެވެ. އެންމެ ފަހުން ޒަހީން ފާހާނައިން ނުކުތީއެވެ. އޭރު ވެސް ލޯގަނޑުން ޒަހީން ފެންނަން ހުރިހެން ހީވިއެވެ.

ހަމަ އެ ރޭގެ އެ ވަގުތެވެ. އަންޖަލްއަށް ނޯވެވިގެން ރާއިފުގެ މަންމައަށް ގުޅިއެވެ. ރުގިއްޔާ ފޯނު ނެގީ ދެތިން ފަހަރަކު ގުޅި ފަހުންނެވެ.

"ރާއިފު މަންމާ!" އަންޖަލް ބުންޏެވެ. "މީ އަންޖޫއޭ! ނިދާފަ ދޯ؟"

"އާނ އަންޖޫ!" ނިދި އަޑަކުން ރުގިއްޔާ ބުންޏެވެ. "ކިހިނެއްވީ؟ ހާދަ ދަން ގަޑިއެއްގަ ތި ގުޅާލީ؟"

"ކަމެއްނުވޭ! ހަމަ ގުޅާލީ!" އަންޖަލް ހިނިތުންވެލާފައި ބުންޏެވެ. "ކޮބައިތަ ރާއިފު؟ އޭނަ އަދިވެސް ފޯނެއް ނުގަނޭތަ؟"

"ރިސޯޓުގަ އޭނަ ވާނީ،" އާފުރެމުން ރުގިއްޔާ ބުންޏެވެ. "ކޮންމެވެސް ގޮތަކުން ފޯނަކާ ނަންބަރެއް ވެސް ހޯދައިފި. ރައްޓެއްސެއްގެ އަތުން ހެން ހީވަނީ. އެކަމަކު މިހާރު މަންމަޔާ ވަރަށް ދުރުވެއްޖެ! ހާލަކުން ފަހަރަކު ގުޅާލަނީ. އޭނަ ވަރަށް ބަދަލުވެއްޖެ! ޓަސްލާފަ ދަންވަރު ވެސް ރަށަށް އަތުވެދާނެ. ބުނާނެ ރައްޓެއްސަކު އެވެނި ތާކަށް ދަމުން ގެނެސް ދިނިއްޔޭ! ގެއަކުން ނުއެއް ކާނެ. އިރުކޮޅަކުން ގެއްލިދާނެ. ދެން ހުންނާނީ ރިސޯޓުގަ. އަބަދު ކޮޅުކޮޅަށް ލާންޗުތައް ދުއްވާ އިރު އެހެން ވެދާނެ. އެކަމަކު އެއީ އޭނަ ކުރިން އުޅޭ ގޮތެއް ނޫން. އޮފް ދުވަހު އެކަނި ރަށަށް އަންނާނީ. ކުރިން ވަރަށް ސަމާސާ ކުރާނެ. އެ ކަން ވެސް ހުއްޓިއްޖެ! އަހަރެން ނިދާފަ އޮއްވާ ގުޅި. ހަމަ ގުޅާލީއޭ ބުނެފަ ބޭއްވީ!"

"އަޅެ ހާދަ ގޯހޭ!" އަންޖަލްއަށް ބުނެވުނެވެ. "އަހަންނަކަށް ނަންބަރެއް ވެސް ނުފޮނުވާ!"
"އެ ކަމާ ހާސްނުވޭ! މި ފޮނުވާލަނީ ނަންބަރު،" ރުގިއްޔާ ބުންޏެވެ. "އޭނަ ވަރަށް ހަނދާން ވެސް ބަލި މިހާރު."

ރާއިފު ކޮޓަރިއަށް ވަން އިރު ޒަހީން އޮތީ ނިދާކަމަށް ހެދިގެންނެވެ. ނިދަން އުޅެއުޅެ ނުނިދުނީއެވެ. ވީމާ، ބިއްދޮށަށް އެނބުރިގެން ވިސްނަން އޮތީއެވެ. ކޮޓަރިއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. ޒަހީން ބޭނުންވަނީ ހަމަ އެ ވަގުތު އިރުއަރާށެވެ. މުޅި ތަން އަލިވާށެވެ. ކޮޓަރިން ނުކުންނާށެވެ. ރަށުން ވެސް ފައިބާށެވެ. ޒަހީން އޮތް އެނދުގެ މަތީ އެނދުގައި ރާއިފު ނިދާކަށް ޒަހީން ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ. ކޮޓަރީގައި ހިނގާ ކަންތައް ޒަހީން ބެލީ ކަންފަތުންނެވެ. ރާއިފު ފާހާނައަށް ވަނެވެ. މިނިޓެއް ނުވަނީސް ނުކުތެވެ. މަތީ އެނދަށް އަރާ ކަމާއި އޮށޯތްކަން ޒަހީންއަށް އިހުސާސް ކުރެވުނެވެ. ދެން އިވެން ފެށީ ސިއްރުން އެއްޗެހިތަކެއް ކިޔާ އަޑެވެ. ޒަހީންއަށް ރީތިކޮށް އަޑުއިވެއެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ރާއިފު ވާހަކަ ދެއްކީ ދިވެހިބަހަކުން ނޫނެވެ. އޭނަ އެނދުން ފޭބިހެން ވެސް ޒަހީނަށް ހީވިއެވެ.

"އަހަންނަކަށް މަކަރެއް ނެހެދޭނެ އިނގޭ!" ވައި އަޑުން ރާއިފު ބުނިހެން ޒަހީނަށް ހީވިއެވެ. "ކީއްކުރަން ކަލޭ އެ ތަން ބެލީ؟ ނުބެލި ނަމަ ކިހާ ރަނގަޅުވީސް؟ މީ ކޯޗެއްކަން އެނގޭތަ؟"

ޒަހީން މަޑުމަޑުން މަގަތަށް އެނބުރުނެވެ. ރާއިފު ދައްކާ އެއްޗެއް ބަލައިލުމުގެ ބޭނުމުގައެވެ. އެނބުރުނު އިރު، އެނދު ކައިރިޔަކު އެކަކު ވެސް ނެތެވެ. އޭރު ހުން އަންނަން އުޅޭހެން ޒަހީނަށް ހީވެއެވެ. ބޮލަކު ނުއެއް ރިހެއެވެ. އެކަމަކު މަޑުމަޑުން ބޮލަށް ބާރުވާން ފެށިއެވެ. ދަތްޕިލަޖެހޭ ގޮތްވިއެވެ. ނާރުތައް ކުރުގެޅޭހެން ހީވާން ފެށިއެވެ.

"އަހަރެން މިއިނީ ކަލޭގެ ބޯތެރޭގައޭ!" ރާއިފު ބުނި އަޑުއިވުނެވެ. "ކަންފަތް ތެރެއިން އަހަރެން ވަނީ. ވަން އިރު ވެސް ނޭނގުނެއްނު! މިހާރު މި އުޅެނީ ސިކުނޑިން އެ ހަނދާން ފުހެލަން ވެގެން. ހަޅޭއްނުލަވާ މަޑުން އޮންނާތި! ހިންޏެއް ދަތް އަޅާހެން ހީވާނީ. ބޮޑު ހިންޏެއް."

ޒަހީން އޮތީ ވަރަށް ވިސްނައިގެންނެވެ. ހީވަނީ ދެބަދޭތެރޭގައި އުޅެވޭ ހެންނެވެ. މަޑުމަޑުން މަތީ އެނދު ބަރުވާން ފެށިއެވެ. ތިރިޔަށް ގޮނިލައި، ލަކުޑިން އަޑުއަޑު ކިޔަން ފެށިއެވެ. އެއީ ވެގެންވާނެ ގޮތެއް ނޫނެވެ.

"ބަލަން ނުޖެހޭ ތަންތަން ބެލީމަ ވާހާ ގޮތްގޮތް މި ހުންނަނީ،" ބަރުވަމުން، ލަސްވަމުންދިޔަ އަޑަކުން ރާއިފު ބުންޏެވެ.

"މީ އެންމެން އުޅެން އޮތް ތަނެއް. ކަލޭ ވެސް އުޅޭނީ. މަ ވެސް އުޅޭނީ. ކީއްކުރަން ފާރަލަނީ؟"

ރާއިފު އޮތް އެނދުން އެއްޗެއް ތިރިވާން ފެށިއެވެ. އެއީ ބުޅި އިސްތަށިގަނޑެކެވެ. ޒަހީންއަކަށް ނުވެސް ތެދުވެވުނެވެ. ނުވެސް ފުރޮޅެވުނެވެ. ހަރަކާތް ކުރަން ހަދަނީ ކިހިނެއް ކަމެއް ވެސް ނޭނގުނެވެ. ހަޅޭއްލަވައިގަންނަން ޒަހީންގެ މުޅި ހަށިގަނޑު މަސައްކަތް ކުރިއެވެ. ދެން ފެނުނީ ޒަހީން ދުވަހަކު ވެސް ނުދެކޭ ވަރުގެ ބޮޑު މޫނެކެވެ. ފެނުމާ އެކު، އަޑުގެ ކޮޅަށް ޒަހީންއަށް ހަޅޭއްލަވައިގަނެވުނެވެ. (ނުނިމޭ)