15 އޮކްޓޯބަރ 2025 - 06:09

އިޒްރޭލާއި ހަމާސް އިން ޣައްޒާގެ ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމާ އެއްގޮތަށް އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަސްއަޅައިފި އެވެ.
ޣައްޒާ އާއި މިސްރު ގުޅުވައިގެ ރަފަހް ބޯޑަރު ހުޅުވާލައި ދުވާލަކު މަދުވެގެން 600 ޓްރަކްގެ ސާމާނު ޣައްޒާއަށް ވައްދަން ފުރުސަތު ދޭނެ ކަމަށް އިޒްރޭލުން ކުރިން އެއްބަސްވި ނަމަވެސް މިހާރު ވަނީ މިއަދު ފެށިގެން ހުއްދަ ދެވޭނީ 300 ޓްރަކަށް ކަމަށް ބުނެފަ އެވެ. އަދި ރަފަހް ބޯޑަރު ވެސް ހުޅުވާނުލެވޭނެ ކަމަށް އދ. އަށް ވަނީ އަންގައިފަ އެވެ.
ޣައްޒާގައި ހުންނަ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) ގެ ތަރުޖަމާން އޮލްގާ ޗެރެވްކޯ ވިދާޅުވީ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިޒްރޭލު އަސްކަރިއްޔާގެ ގޮފި، ކޯޑިނޭޝަން އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ސީއޯޖީއޭޓީ) އިން އދ އަށް ރަސްމީކޮށް މިކަން އަންގާފައިވާ ކަމަށެވެ.
ސީއޯޖީއޭޓީ ނޯޓުގައި ބުނެފައި ވަނީ ތެލާއި ގޭސް މަދަނީ އިންފްރާސްޓްރަކްޗާއާ ގުޅުން ހުރި ވަކި ބޭނުމެއްގައި މެނުވީ ހަނގުރާމައިގެ އަސަރު ކޮށްފައިވާ ސަރަހައްދަށް ވެއްދުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ބުނީ ދުވާލަކު އެހީގެ 300 ޓްރަކަކީ ފުދޭވަރާ ގާތްކުރާ އަދަދެއް ވެސް ނޫން ކަމަށެވެ.
"ތިން ސަތޭކައަކުން ނުފުދޭނެ. މިވަރުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ،" އޭނާ ބުންޏެވެ.
ރަފަހް ބޯޑަރު ވެސް ނުހުޅުވާނެކަން އިޒްރޭލުން ވަނީ އަންގައިފަ އެވެ.
އެއްބަސްވި ގޮތާ ހިލާފަށް އިޒްރޭލުން މި ކަންކަން ކޮށްފައި މި ވަނީ ޣައްޒާގެ އެކި ހިސާބުތަކުގައި އިޒްރޭލުން ހަމަލާދީ ނުވަ މީހަކު ޝަހީދުކޮށްލުމަށް ފަހުގަ އެވެ.
ޣައްޒާއަށް މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ އޭގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށާފައި ވާއިރު މިއީ ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމުގެ ފެށުން ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުން ދެ އަހަރު ތެރޭ ޣައްޒާއިން 67،913 މީހަކު ޝަހީދުކޮށްލާފައި ވާއިރު 170،134 މީހަކު އެކި ހަމަލާތަކުގައި ޒަހަމްވެފައިވެ އެވެ.