ރޮނާލްޑޯ ރެކޯޑް ހެދި ނަމަވެސް ޕޯޗުގަލްގެ އިންތިޒާރު ދިގުލައިފި
ރޮނާލްޑޯ ރެކޯޑް ހެދި ނަމަވެސް ޕޯޗުގަލްގެ އިންތިޒާރު ދިގުލައިފި

ލިޒްބަން (އޮކްޓޫބަރު 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުތަކުން 2-2 އިން ހަންގޭރީއާ އެއްވަރުކޮށް ޕޯޗުގަލުން އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

ރޮނާލްޑޯ ރެކޯޑް ހެދި ނަމަވެސް ޕޯޗުގަލްގެ އިންތިޒާރު ދިގުލައިފި
ރޮނާލްޑޯ ރެކޯޑް ހެދި ނަމަވެސް ޕޯޗުގަލްގެ އިންތިޒާރު ދިގުލައިފި

މެޗުގެ ވަރަށް ކުރީކޮޅު ހަންގޭރީން ގޯލެއް ޖަހައި ކުރި ހޯދި ނަމަވެސް އުމުރުން 40 އަހަރުގެ ކެޕްޓަން ރޮނާލްޑޯ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ޕޯޗުގަލް އަށް ކުރި ހޯދައިދީފަ އެވެ.

ޕޯޗުގަލް މޮޅަކާ އެކު ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ދިޔަ ނަމަވެސް އެކަން މަޑުޖައްސާލީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑޮމިނިކް ސޮބޮޒްލައި ޖަހައިދިން ގޯލުން ހަންގޭރީ ނަތީޖާ އެއްވަރު ކުރުމުންނެވެ. އޭރު ރޮނާލްޑޯ ދަނޑުމައްޗަކު ނެތެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ 78 ވަނަ މިނިޓުގައި ރޮނާލްޑޯ ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޖެހި ގޯލުތަކާ އެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ އޯލް ޓައިމް ޓޮޕް ސްކޯރާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މެޗުގެ ކުރިން ރޮނާލްޑޯ އޮތީ ގުއާޓަމާލާގެ ކުރީގެ ތަރި ކާލޯސް ރުއިޒް އާއެކު 49 ގޯލުން އެއްވަރުވެފަ އެެވެ. ރުއިޒް މި އަދަދަށް ގޯލު ޖަހާފައި ވަނީ 47 މެޗު ކުޅެގެންނެވެ. ރޮނާލްޑޯ ވަނީ 49 މެޗު ކުޅެފަ އެވެ. ދެ ކުޅުންތެރިންގެ ފަހަތުގައި އޮތީ 72 ކޮލިފައިން މެޗުން 36 ގޯލު ޖަހާފައިވާ ވާދަވެރި ލިއޮނެލް މެސީ އެވެ.

ރޭގެ ގޯލުތަކާ އެކު ރޮނާލްޑޯ މިވަނީ އޭނާގެ ކެރިއަރުގައި 948 ގޯލު ޖަހައިފަ އެވެ. އެއް ހާސް ގޯލު ހަމަކުރަން އޭނާއަށް މަދުވަނީ 52 ގޯލެވެ.

ސައުދީ ޕްރޯ ލީގުގައި ވެސް ރޮނާލްޑޯ އަންނަނީ ލަނޑު ޖެހުމުގެ ރެކޯޑްތައް މުގުރަމުންނެވެ. މި ސީޒަންގައި އެ ޓީމަށް މިހާތަނަށް ކުޅެދިން ހަ މެޗުން ފަސް ގޯލު ޖަހައިދީފައި ވާއިރު އޭނާ ވަނީ އެ ޓީމަށް ކުޅެދިން ޖުމްލަ 117 މެޗުން 104 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ގައުމީ ޓީމަށް މިހާތަނަށް 143 ގޯލު ރޮނާލްޑޯ ޖަހައިދީފައި ވާއިރު، ސްޕޯޓިން އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި އައް ނަސްރުގެ ޖޯޒީގައި ވަނީ ޖުމްލަ 805 ގޯލު ޖަހައިދީފަ އެވެ.

ދާދި ފަހުން އައް ނަސްރާ އެކު ކޮންޓްރެކްޓް އާކުރުމާ އެކު ރޮނާލްޑޯ ވަނީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ބިލިއަނަރުގެ ޝަރަފް ހޯދައިފަ އެވެ. ބްލޫމްބާގް ބިލިއަނާސް ލިސްޓުން ހާމާކުރާ ގޮތުގައި ރޮނާލްޑޯގެ މިލްކިއްޔާތުގައި 1.4 ބިލިއަން ޑޮލަރު (1 ބިލިއަން ޕައުންޑް) ހުންނާނެ ކަމަށް ލަފާކުރެ އެވެ.

މިއާ އެކު ރޮނާލްޑޯ ވެފައިވަނީ ކުޅިވަރު ޝަހުސިއްޔަތުންގެ ތެރެއިން ބިލިއަނަރުންގެ ލިސްޓަށް އެރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މި ލިސްޓުގައި މީގެ ކުރިން ހިމެނިފައިވާ ކުޅުންތެރިންގެ ތެރޭގައި ބާސްކެޓްބޯޅަ ލެޖެންޑުން ކަމަށްވާ މައިކަލް ޖޯޑަން އާއި ލެބްރޯން ޖޭމްސްގެ އިތުރުން ގޮލްފް ލެޖެންޑް ޓައިގާ ވުޑްސް އާއި ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ހިމެނެ އެވެ.