ރާއްޖޭގެ ކުޅުމަށް ބަލައި 3-0 ގެ ނަތީޖާ ގަބޫލުކުރަން މޯހަން އަށް އުނދަގޫ!
ރާއްޖޭގެ ކުޅުމަށް ބަލައި 3-0 ގެ ނަތީޖާ ގަބޫލުކުރަން މޯހަން އަށް އުނދަގޫ!

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން މިއަދު ދެއްކި ކުޅުމަށް ބަލައި 3-0 ގެ ނަތީޖާ ގަބޫލުކުރަން އުނދަގޫކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

މެޗަށް ފަހު އޭނާ ބުނީ މެޗުގެ ނަތީޖާ ފިޔަވައި ދިވެހި ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށެވެ. ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ސަޕޯޓަރުން ދިން ތަރުހީބަށް އޭނާ ވަނީ ތައުރީފު ކޮށްފަ އެވެ.

"ޖުމުލަކޮށް މެޗަށް ބަލާލާކަމަށް ވަންޏާ، (ކުޅުންތެރިން) ކުރި ހިތްވަރާއި ދެއްކި ކުޅުމާ ދެތެރޭ ހިތްހަމަޖެހޭ،" ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.

"ހަގީގަތުގައި ދެއްކި ކުޅުމަށް ބަލައިފިކަމުގައިވާނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން 3-0 ވާން ޖެހޭނެވަރުގެ ނަތީޖާއެއް ކަމަކަށް، އެއަށްވުރެ މާ ރަނގަޅަށް އަޅުގަނޑުމެންގެ ޓީމު ކުޅުނު."

އޭނާ ބުނި ގޮތުގައި ރާއްޖެ ކޮޅަށް ވަން ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ފަސޭހައިން ވަން ލަނޑުތަކެކެވެ. އެކަމަކު އެ ލަނޑުތައް ވަނީ ކުޅުންތެރިންނަށް ހެދުނު ކުދިކުދި ގޯސްތަކަކުން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު އެފަދަ ކުދިކުދި ގޯސްތަށް ރަނގަޅު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް އަމިއްލަ ދަނޑުގަޔާއި ރާއްޖޭން ބޭރުގައި ވެސް ކުޅެގެންނެވެ.

"(އެކުވެރިކަމުގެ) ގިނަ މެޗު ކުޅެގެން ނޫނިއްޔަކާ މި (ކުދިކުދި) ގޯސްތަކެއް ރަނގަޅެއް ނުކުރެވޭނެ. މެޗުތައް ކުޅެގެން ގޯސްތައް ހެދިގެން ރަނގަޅު ކުރެވޭނީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ މެޗުގެ އެހާ ކުރީކޮޅު ގޯލެއް ވަނުމުން ތަޖިކިސްތާނަށް ހިތްހަމަޖެހުމަކަށްވި ކަމަށެވެ.

ރާއްޖޭން ގޭމް ޕްލޭން އެކުލަވާލީ ފުރަތަމަ 30 މިނެޓް ތަޖިކިސްތާން ހިފެހެއްޓުމަށް ފަހު ދެން ދިވެހި ޓީމުން ކުރިއަށް ޖެހި ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާ ކުރުމުގެ ވިސްނުމަކާ އެކު ކަމަށް މޯހަން ބުންޏެވެ.

އެކަމަކު މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ތަޖިކިސްތާނުގެ މަނޫޝާކިރް ޝަފަރޯވް (މަނޫ) އެ ޓީމަށް ލީޑް ނަގައި ދިނެވެ. އޭނާ ލަނޑު ޖެހީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ޕެނަލްޓީ ރީބައުންސްވުމުން ރާއްޖޭގެ ޑިފެންޑަރުންނަށް ވުރެ އަވަހަށް ބޯޅަ ލިބިގަނެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މޯހަން ބުނި ގޮތުގައި އެ ލަނޑާއި ތިންވަނަ ލަނޑަ ރާއްޖެ ކޮޅަށް ވަނަ ނުދީ ހިފެހެއްޓުނީހެވެ. އަދި އޭނާ ބުނީ މެޗުގެ އެހާ ކުރީކޮޅު ގޯލެއް ނުވަދެ ހިފަހައްޓާ ލެވުނުނަމަ، ރާއްޖޭގެ ކުޅުން އެއަށް ވުރެ މާ ރަނގަޅަށް ފެންނާނެ އެވެ.

އޭނާ ތަކުރާރުކޮށް ބުނީ އެ ގޯސްތަށް ރަނގަޅު ކުޅެވޭނީ އެކުވެރިކަމުގެ މެޗުތައް ގިނައިން ކުޅެ ތަޖުރިބާ ލިބިގެން ކަމަށެވެ.

"ގިނަ މެޗުތައް އަޅުގަނޑުމެން ކުޅެން ޖެހޭނީ. ހަމަ ހޯމް މެޗުތައް ވެސް އަވޭ މެޗުތައް ވެސް ގިނައިން ކުޅެން ޖެހޭނީ. މެޗުތަށް ނުކުޅޭތީވެ އެއިންނަ [ޖެހިލުންވުމެއް] ކުޅުންތެރިންގެ އިނދޭ. އިތުބާރު ނެތި. ލިބޭ ބޯޅަތައް ފަސޭހައިން ގެއްލޭގޮތްވޭ،" ތަފުސީލާ އެކު މޯހަން ކިޔައި ދިނެވެ.

"މިސާލަކަށް އިދިކޮޅު ކުޅުންތެރިޔާ އިންނަނީ ކިހިނެއްތޯ. އެ އިތުބާރު ގެއްލެނީ. އެ ބިރު އިންނަނީ އެ ބޯޅަ ރިސީވް ކުރާއިރުގައި. އެކަހަލަ ކަންކަން ގިނަ މެޗުތައް ކުޅެގެން ރަނގަޅުވާނީ."

އޭނާ ބުނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ މެޗުތައް ކުޅެވޭނެ އިންތިޒާމު ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްގެ މަސައްކަތުން ހަމަޖެހޭނެކަމަށް މޯހަން އުއްމީދު ކުރެ އެވެ.