ޔޫރަޕްގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ދިވެހި ޓީމުގައި އެބަތިބި: ތަޖިކިސްތާނުގެ ކޯޗު
ޔޫރަޕްގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ދިވެހި ޓީމުގައި އެބަތިބި: ތަޖިކިސްތާނުގެ ކޯޗު

ޔޫރަޕްގެ ލީގުތަކުގައި ކުޅެވޭނެ ފެންވަރު ރާއްޖޭގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވާނޮވިޗް ބުނެފި އެވެ.

މި މަހު ކުރީކޮޅު ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވި ސްޓެވާނޮވިޗް، އެ ގައުމުގެ ގައުމީ ޓީމާ އެކު ފުރަތަމަ ކުރިމަތިލި އިދިކޮޅު ޓީމަކީ ރާއްޖެ އެވެ.

މާލޭގައި މިއަދު ކުޅުނު މެޗަކީ، ކުރިން ގާނާގެ ގައުމީ ޓީމަށް ކޯޗުކޮށް ދިން ސްޓެވާނޮވިޗް ތަޖިކިސްތާނު ގޮވައިގެން ނުކުތް ދެވަނަ މެޗެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ރާއްޖެއާ ދެކޮޅަށް ތަޖިކިސްތާނުން ކުޅުނު މެޗަކީ ސްޓެވާނޮވިޗްގެ ފުރަތަމަ މެޗެވެ.

އޭނާ ބުނީ ފުރަތަމަ ލެގް މެޗަށް ވުރެ ދިވެހި ޓީމުގެ ކުޅުން ދެވަނަ މެޗުގައި ރަނގަޅު ކަމަށެވެ.

"މެޗު 3-0 ން އަހަރެމެންނަށް މޮޅު ވެވުނަސް، މިއީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗެއް. ނަސީބު ރަނގަޅުކަމުން އަހަރެމެންނަށް މޮޅުވެވިއްޖެ،" މެޗަށް ފަހު ސްޓެވާނޮވިޗް ބުންޏެވެ.

ދިވެހި ޓީމަށް ތައުރީފު ކުރަމުން އޭނާ ބުނީ ހާއްސަކޮށް ރާއްޖޭގެ ފޯވާޑުންގެ ކުޅުން ވަރަށް ރަނގަޅު ކަމަށެވެ.

"އެއީ ވަރަށް މޮޅު ކުޅުންތެރިންތަކެއް. ހާއްސަކޮށް ޖޯޒީ ނަންބަރު ނުވައެއް [ނާއިޒު ހަސަން] ޖޯޒީ ނަންބަރު 11 [ހަސަން ރާއިފް އަހްމަދު، ހަންނަ]. ޖޯޒީ ނަންބަރު 10 [ހަމްޒާ މުހައްމަދު]. އެ ކުޅުންތެރިންނަށް ކޮންމެ ޓީމަކަށް ވެސް ކުޅެވިދާނެ. ޔޫރަޕްގައި. މިސާލަކަށް އަހަރެންގެ ގައުމު (ގެ ލީގުގައި). އެއީ އަހަންނަށް ވަރަށް މޮޅު ކުޅުންތެރިންތަކެއް،" ސާބިއާ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފޯވާޑުންގެ ފަރާތުން ތަޖިކިސްތާނަށް ނުރައްކާ ވާނެކަން މެޗުގެ ކުރިން ވެސް އެނގުނު ކަމަށެވެ. އެހެންވެ އޭނާ މެޗަށް ނުކުތީ އެ ގޭމަށް ތައްޔާރުވެގެން ކަމަށް ސްޓެވާނޮވިޗް ބުންޏެވެ.

މެދުތެރެއިން ބޯޅަ ހިފަހައްޓައި ޕާސިން ގޭމް ކޮންޓްރޯލްކޮށް ދެމެހެއްޓީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ.