ޣައްޒާގައި އިޒްރޭލުން ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގައި އިޒްރޭލުން ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލު ސިފައިންގެ މަގާމުތަކާ ކައިރިވާން މަސައްކަތްކުރި ކަމަށް ބުނެ ޣައްޒާގައި ފަލަސްތީނުގެ ހަ މީހަކު އިޒްރޭލުން ޝަހީދުކޮށްލައިފި އެވެ.

ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާން މަހްމޫދު ބައްސާލް ވިދާޅުވީ، ޣައްޒާގެ ޝުޖާޔާ ޑިސްޓްރިކްޓަށް އެނބުރި ގޮސް ގެދޮރު ހުރި ހާލަތު ބަލަން އުޅުނު ބަޔަކަށް އިޒްރޭލުން ހަމަލާދީ ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

"ޝުޖާޔާއަށް އެނބުރި ދިޔަ ބަޔަކަށް ހަމަލާދިނީ އެ މީހުންގެ ގެދޮރުގެ ހާލަތު ބަލަން އުޅެނިކޮށް،" ބައްސާލް ވިދާޅުވި އެވެ.

އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެެބަސްވީ މީގެ ފަސް ދުވަހުން ކުރިންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހަމަލާ ދިނީ އިޒްރޭލާއި ހަމާސްގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ފަހަތަށް ޖެހިފައިވާ ހިސާބުގައި، ތުހުމަތުކުރެވޭ ގޮތަކަށް ސިފައިންނާ ދިމާލަށް ދާން ފެށުމުންނެވެ.

"މީހުން ދުރަށް ޖައްސަން މަސައްކަތްކުރިން،" އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.

"ތުހުމަތުކުރެވޭ މީހުން މި އިންޒާރުތަކަށް ނުބަލައި ސިފައިންނާ ދިމާލަށް ދާން ފެށުމުން، އެ ނުރައްކާ ނައްތާލުުގެ ގޮތުން ހަމަލާ ދިނީ."

ހަމާސްއާ އާއި ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމާ ގުޅިގެން އިޒްރޭލު ސިފައިން އެ އެއްބަސްވުމާ އެއްގޮތަށް "ޔެލޯ ލައިން" އަށް ވަނީ ފަހަތަށް ޖެހިފަ އެވެ. އިޒްރޭލު ސިފައިން ފަހަތަށް ޖެހިފައި ވިޔަސް ޣައްޒާގެ ބޮޑު ބައި އަދިވެސް ކޮންޓްރޯލްކުރަނީ އިޒްރޭލު ސިފައިންނެވެ.

މިފަދަ އެހެން ހަމަލާއެއްގައި ޚާން ޔޫނިސްގެ އަލް ފުޚާރީގައި އާންމުން ޖަމާވެފައި އޮތް ތަނެއްގެ ތެރެއަށް އިޒްރޭލުން ވަނީ ޑްރޯން ހަމަލާ ދީފަ އެވެ.

އިޒްރޭލާއި ހަމާސް އިން ދެ އަހަރަށް ފަހު ސުލްހައިގެ އެއްބަސްވުމެއް ހަދާފައި ވާއިރު އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ހަމާސް އިން އިޒްރޭލުގެ 20 ރަހީނުން މިނިވަންކޮށްފައި ވާއިރު އިޒްރޭލުން ވަނީ ދެ ހާހާ ގާތްކުރާ އަދަދަކަށް ގައިދީން މިނިވަންކޮށްފަ އެވެ.