މަޑަގަސްކަރައިގެ ރައީސް އަޒުލްކޮށް އަސްކަރީ ފައުޖަކުން ވެރިކަމާ ހަވާލުވެއްޖެ
މަޑަގަސްކަރައިގެ ރައީސް އަޒުލްކޮށް އަސްކަރީ ފައުޖަކުން ވެރިކަމާ ހަވާލުވެއްޖެ

މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް އަސްކަރިއްޔާގެ ތެރެއިން ވެސް އެހީތެރިކަން ލިބުމާ އެކު، ގާނޫނު ހަދާ މަޖިލީހުން ރައީސް އެންޑްރީ ރަޖޮއެލީނާ އަޒުލްކޮށް ވެރިކަމުން ދުކުރުމާ އެކު އަސްކަރިއްޔާގެ ހާއްސަ ޔުނިޓަކުން ވެރިކަމުގެ ބާރުތަކާ ހަވާލުވެއްޖެ އެވެ.

އުމުރުން 51 އަހަރުގެ ރަޖޮއެލީނާ އަޒުލްކުރީ އޭނާ އިސްތިއުފާ ދިނުމަށް އެދި މުޒާހަރާކުރަމުން ދިޔަ ނަމަވެސް އެ ޑިމާންޑަށް ތަބާނުވެ ބަޔާނެއް ދެއްވާފައި ވަނިކޮށެވެ. ފިއްލަވައިގެން ހުންނަވައި ދެއްވި ބަޔާނުގައި ރަޖޮއެލީނާ އިއްޔެ ވިދާޅުވީ އޭނާ ފިއްލެވީ ބަޔަކު އޭނާ އަވަހާރަކޮށްލަން އުޅޭތީ ކަމަށެވެ. އިސްތިއުފާ ދެއްވުމުގެ ޑިމާންޑަށް އިޝާރާތްކުރައްވައި ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅުކޮށް، ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަޖޮއެލީނާ އަޒުލްކުރުމުން ވެރިކަމުގެ ބާރުތަކާ ހަވާލުވީ އަސްކަރިއްޔާގައި އޮންނަ ކެޕްސެޓް މިލިޓަރީ ޔުނިޓުންނެވެ.

"އަޅުގަނޑުމެން ބާރުތައް ނަގައިފިން،" އެ ޔުނިޓުގެ ކޮމާންޑަރު ކާނަލް މައިކަލް ރެންދްރިއަނީނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސްކަރިއްޔާ އާއި ފުލުހުންގެ އޮފިސަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެ ޔުނިޓުން އުފައްދާނެ ކަމަށެވެ.

ކެޕްސެޓް މިލިޓަރީ ޔުނިޓަކީ މަޑަކަސްކަރައިގެ ވެރިކަން 2009 ވަނަ އަހަރު ބަޣާވާތަކުން ބަދަލުކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރި ޔުނިޓެވެ.

ރެންދްރިއަނީނާ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަލަހައްޓާ ޔުނިޓުން ރައީސްގެ ހުރިހާ ޒިންމާތަކަކާ ހަވާލުވެ ގައުމު ހިންގަމުންދާނެ ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑިމޮކްރަޓިކް އުސޫލުން މަދަނީ ސަރުކާރެއް ގާއިމުކުރާނެ ކަމަށެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރިޔަ ނުދޭން، ގާނޫނު ހަދާ މަޖިލިސް ވެސް އުވާލިކަން ރައީސް އިއުލާނުކުރެއްވި އެވެ. އެހެންވެ ރައީސްގެ ފަރާތުން ވަނީ 163 މެންބަރުންގެ ތެރެއިން 130 މެންބަރެއްގެ ވޯޓާ އެކު އޭނާ މަގާމުން ވަކިކުރި ނަމަވެސް އެ ނިންމުން ސަހައްނޫން ކަމަށް ބުނެފަ އެވެ. އެކަމަކު މި އަދަދަކީ ރައީސް ވަކިކުރަން ބޭނުންވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ ތިން ބައިކުޅަ ދެ ބަޔަށް ވުރެ މާ ބޮޑު އަދަދެކެވެ.

މަޖިލީހުގެ ނިންމުމަށް އަދި ދުސްތޫރީ ކޯޓުން ރުހުން ދިނުމުން ނޫނީ ރަސްމީއެއް ނުވާނެ އެވެ.

އިންޑިއާ ކަނޑުގައި އޮންނަ ފަގީރު ގައުމެއް ކަމަށްވާ މަޑަގަސްކަރާގައި މުޒާހަރާތައް ފެށުނީ ކަރަންޓާ ފެން ކެނޑުން އާންމު ކަމަކަށްވުމުން މީހުން އައި ރުޅީގަ އެވެ. އެކަމަކު ފަހުން ބަދަލުވީ ރައީސް ރަޖޮއެލީނާގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާއަކަށެވެ. -- އޭއެފްޕީ