އުރީދޫން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
އުރީދޫން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އުރީދޫން ރާއްޖެ އަށް އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ތައާރަފްކުރާނެ ކަން މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
އުރީދޫން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޕޭޕަލް ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލް ތައާރަފްކުރަން ނިންމައި، އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އުރީދޫން ބުނީ އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ދޭން ފެށުމާ އެކު، ޕޭޕަލްގެ ހިދުމަތް ގަބޫލުކުރާ ދުނިޔޭގެ އެތައް ފަރާތްތަކަކާ އެކު، ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ ކަމަށެވެ. އޭރުން އުރީދޫގެ އެމްފައިސާ އެކައުންޓްތައް މެދުވެރިކޮށް ޕޭޕަލް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

"އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާ އެކު، ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާ ލިންކު ވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް،" އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުރީދޫން އިސްވެ ތިބެ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެ ގެންނަން ނިންމިކަން އުރީދޫން އިއުލާން ކުރިއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް އެ އަަރުގެ އޮގަސްޓް މަހުގެ ފަހު ހަފުތާގައި އެ ކުންފުންޏަށް ވަނީ ހުށަހަޅައިފަ އެވެ.

"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،" މިނިސްޓަރު ސައީދު އޭރު ވިދާޅުވެފައި ވެ އެވެ.

ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު މިދިޔަ އަހަރުގެ އޮގަސްޓް 22 ގައި ވަނީ އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.