14 އޮކްޓޯބަރ 2025 - 18:11

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް ށ. ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ އެންމެ ފަހު ރަށަކަށް ކޮމަންޑޫއަށް ވަޑައިގެން، އެރަށުގެ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.
އެ ރަށުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރެވެ.
ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހިންގަން އުޅުނު މަޝްރޫއެކެވެ. އެކަމަކު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އޭރު ފެށިފައެއް ނުވެ އެވެ.
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ވަނީ އެ އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.