ރާއްޖޭގެ ދަނޑުގައި ތަޖިކިސްތާނުން ދިވެހި ޓީމު ތިން ލަނޑުން ބަލިކޮށްފި
ރާއްޖޭގެ ދަނޑުގައި ތަޖިކިސްތާނުން ދިވެހި ޓީމު ތިން ލަނޑުން ބަލިކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު 3-0 ން ތަޖިކިސްތާނުން މިއަދު ކާމިޔާބުކޮށްފި އެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގު މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ.

މި މެޗަކީ ދެ އަހަރަށް ފަހު ދިވެހި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ރާއްޖޭން އަމިއްލަ ދަނޑުގައި މެޗެއް ކުޅުނީ 2023 ގެ އޮކްޓޯބަރު 13 ގަ އެވެ.

ރާއްޖޭގެ 3،000 އަށް ވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަން މެޗު ފަށައިގެން، މެޗުގެ ތެރެއަށް ދިވެހި ޓީމަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ތަޖިކިސްތާނުން ލީޑް ނެގި އެވެ.

ތަޖިކިސްތާނުން ޖެހި ތިން ލަނޑުގައި ވެސް ފެނުނީ ރާއްޖޭގެ ޑިފެންސުން ހެދި ގޯސްތަކެވެ.

މެޗުގެ ހަތަރުވަނަ މިނެޓްގައި އެ ޓީމުގެ މަނޫޝާކިރް ޝަފަރޯވް (މަނޫ)، އެ ޓީމަށް ލީޑް ނަގައި ދިނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ޕެނަލްޓީ ރާއްޖޭގެ ޑިފެންޑަރުންނަށް ވުރެ އަވަހަށް ލިބިގަނެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ރާއްޖޭގެ އޭރިއާގެ ތެރެއިން މުހައްމަދު އިރުފާން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ތަޖިކިސްތާނަށް ކާމިޔާބެއް ނުވި އެވެ.

އެ ޓީމުގެ ޕަރްވިޒްޖީޒަން އުމަރްބައޭވް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ދިފާއު ކުރުމުން ބޯޅަ ރީބައުންސްވި އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ވުރެ ކުރިން މަނޫ އޭރިއާ ތެރެއަށް ވެދެ ބޯޅަ ގޯލަށް ފޮނުވާލި އެވެ.

ފުރަތަމަ ހާފުގައި ދިވެހި ޓީމުން ވެސް ފުރުސަތުތަކެއް ހޯދި އެވެ. އެ ހާފުގައި ރާއްޖެ އަށް ފަހިވި އެންމެ ރަނގަޅު ފުރުސަތު ލިބުނީ މިޑްފީލްޑަރު އަހްމަދު އައިހަމް އަށެވެ. ކައުންޓަ އެޓޭކުގައި ކުރިއަށް އަރައިގެން އޭނާ ދިޔައިރު ތަޖިކިސްތާނުގެ ހަތަރު ޑިފެންޑަރުން އޭނާ ހުއްޓުވަން މަސައްކަތް ކުރި އެވެ.

އެ ޓީމުގެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ އޭނާ ބޯޅަ ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.

އޭގެ ކުރިން ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށް ވެސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ އަށް ވެސް ގޯލާ ބޯޅަ ސީދާކުރެވޭ ގޮތެއް ނުވި އެވެ.

ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ތަޖިކިސްތާނުގެ އިސްކޮޅުން ދިގު ކީޕަރު އޮލެގް ބަކްލޯވް އަތުގައި ޖެހިފައި ކުރިއަށް ނުކުތް ބޯޅަ ނާއިޒު ހަސަން (ދާދު) އަށް ރަނގަޅަށް ފޮނުވާނުލެވި ބޯޅަ ދިޔައީ ބޭރަށެވެ.

ތަޖިކިސްތާނުގެ ދެވަނަ ލަނޑު ޝެރްވޯނީ މަބަޗައޭވް ޖެހީ ރާއްޖޭގެ ޑިފެންޑަރުން އޭނާގެ ކައިރީގައި ވިއްދާފައި ތިއްބަ އެވެ. ނަމަވެސް އޭނާގެ ހަމަލާ ހުއްޓުވުމުގައި ދިވެހި ޓީމަށް ކުރެވުނު ކަމެއް ނެތެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖޭގެ މިޑްފީލްޑަރު އައިހަމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ތަޖިކިސްތާނުގެ ހާފުގެ މެދުތެރެއިން ފޭދޫ އިއްބެ، ދިން ބޯޅައިގައި އައިހަމް ކުރިއަށް ޖެހިލައި ފަޔަށް ހެޔޮވަރުކޮށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިއަށް ވުރެ ވެސް މާމަތިންނެވެ.

ތަޖިކިސްތާނުގެ ތިންވަނަ ލަނޑު ވެސް ޖެހީ ޝެރްވޯނީ މަބަޗައޭވް އެވެ. އޭނާ ލަނޑު ޖެހީ ރާއްޖޭގެ ކުޅުންތެރިން ކުރިއަށް އަރާތިބި ވަގުތު ކައުންޓަ އެޓޭކުގައި ލިބުނު ބޯޅައިންނެވެ.

ބޯޅަ ހިފައިގެން ކުރިއަށްގޮސް ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ، އޭނާ ބޯޅަ ފޮނުވާލީ އިރުފާން ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭނާ އަތުން ބޯޅަ ހޯދަން އިރުފާން ޓެކުލު ވެސް ކުރި އެވެ. އެކަމަކު މަބަޗައޭވް ވަނީ ޓެކުލުގެ މަޅިން ވެސް ނެއްޓި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 79 ވަނަ މިނެޓްގައި ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)، ދިވެހި ޓީމުގެ ފޯވާޑްލައިން އެއްކޮށް ބަދަލުކޮށްލި އެވެ. ތަޖުރިބާކާރު އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ) އަދި 16 އަހަރުގެ އިލާން އިމްރާން ކުޅެން ނުކުތެވެ.

ތަޖިކިސްތާނުގެ ކީޕަރު ބަކްލޯވް އަށް ކިރިޔާވެސް ޗެލެންޖަކަށްވާރުގެ ސޭވްއެއް ކުރަން ޖެހުނީ ސެންޓޭ ޝާމިލުވެގެން އުފެއްދި ދެ ހަމަލާއިންނެވެ.

ސެންޓޭގެ ފުރަތަމަ ހަމަލާއަކީ އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެކެވެ. ސެންޓޭ ހިލޭޖެހުން ފޮނުވާލީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށެވެ. އެ ބޯޅަ ކީޕަރު ބަކްލޯވް ޕަންޗުކޮށްފައި ކޯނަރަކަށް ފޮނުވާލި އެވެ.

އޭގެ ފަހުން ސެންޓޭ ނެގި ހުރަސް ރާއްޖޭގެ ކުޅުންތެރިން ބޮލުން ފޮނުވާލުމުން ބަކްލޯވް އަނެއްކާވެސް އެ ބޯޅަ ދިފާއު ކުރީ އުނދަގުލުންނެވެ. މިފަހަރުވެސް އޭނާ ބޯޅަ ސަލާމަތް ކުރީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިގެންނެވެ.

މެޗުން މޮޅުވެ، ތަޖިކިސްތާނުން ވެސް ވަނީ 10 ޕޮއިންޓް ހޯދާފަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ފިލިޕީންސާއި ޓިމޯ ލެސްޓޭ އެވެ. ފިލިޕީންސުން ޓިމޯލެސްޓޭ ބަލިކޮށް 3-1 ބަލިކޮށް 10 ޕޮއިންޓް ވަނީ ހޯދާފަ އެވެ. ފިލިޕީންސް އެއްވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ހަތަރު ޓީމުގެ ތެރެއިން ޕޮއިންޓެއް ވެސް ނުލިބެނީ ރާއްޖެ އަށް އެކަންޏެވެ.

ރާއްޖެ އަށް ދެން މެޗެއް އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. މާލޭގައި ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.