ބިން ހިއްކުމާއި އުމްރާނީ މަޝްރޫއުތައް ހިންގަން އެމްއޭސީއެލްގެ ހާއްސަ ކުންފުންޏެއް ހަދައިފި
ބިން ހިއްކުމާއި އުމްރާނީ މަޝްރޫއުތައް ހިންގަން އެމްއޭސީއެލްގެ ހާއްސަ ކުންފުންޏެއް ހަދައިފި

ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.

އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި ޕެނިންސިއުލާގެ ޑިރެކްޓަރުން:

1- އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)

2- މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)

3- އަހުމަދު އަސްއަދު ހާޝިމް

4- ހުސައިން ރިޔާޒު

5- އަހުމަދު ސާނިއު

މި ކުންފުންޏާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ނުލިބ އެވެ.

މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން މިހާރު ވަނީ އިއުލާނެއްް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، ޕެނިންސިއުލާގެ ބޭނުމަކީ އެ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ.

އެ ކުންފުނިން މަޝްރޫއުތައް ހިންގާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވާ އެއް ދާއިރާ އަކީ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އެވެ. އެ ދާއިރާގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އެ ފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާނެ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުންޏެވެ.

އިއުލާނުގައިވާ ގޮތުން ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ އިން މަޝްރޫއުތައް ހިންގާނެ އަނެއް ދާއިރާ އަކީ އިމާރާތް ކުރުމުގެ ދާއިރާ އެވެ. ދައުލަތުގެ މަޝްރޫއުތަކުގެ އިތުރުން އަމިއްލަ މީހުންގެ މަޝްރޫއުތައް ވެސް އެ ދާއިރާއިން ހިންގާނެ ކަމަށް އިއުލާނުގައި ވެ އެވެ.

އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މ،ަސައްކަތް ޕެނިންސިއުލާ ކުންފުނިން ވެސް ކުރާނެ އެވެ.

އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދިއިރު، ރަށްރަށުގެ ބިން ހިއްކުމާއި އިންފްރާސްޓްރަކްޗާގެ ބޮޑެތި އެހެނިހެން މަސައްކަތްތައް ދައުލަތުގެ އެކި ކުންފުނިތަކާ އަންނަނީ ހަވާލު ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ އެއާޕޯޓުތައް ހެދުމަށް ބޭނުންވާ ބިން ހިއްކުމާ ވެސް އެމްއޭސީއެލުން ވަނީ ހަވާލުވެފަ އެވެ.