14 އޮކްޓޯބަރ 2025 - 16:03

އައްޑޫ މީދޫގެ ބޮޑު ބިމެއް، ގާނޫނާ ހިލާފަށް، އެއްބަސްވުމެއް ވެސް ނެތި އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީއަށް މިއަދު ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތުކުރެއްވި ގޮތުގައި ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް ދޫކުރީ އާއްމުކޮށް އިއުލާނުކުރުމެއް ނެތި އެވެ.
އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށް ވެސް ކޮމިޓީއަަށް ހުށަހެޅުއްވި މައްސަލައިގައި އަބްދުއްރަހުމާނު ތުުހުމަތުކުރެއްވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާއްމުކޮށް ހުޅުވާނުލައި ސަން ވިލް އަށް 17،000 އަކަފޫޓުގެ ބިމެއް ދޭން ސިޓީކައުންސިލުން އެއްބަސްވުން ހެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރީ އަދި އެއަށް ވުރެ ވެސް ބޮޑު ބިމެކެވެ.
"...ޕްލޮޓް ނަންބަރު ސީ4، ސީ5، ބީ1 އެއްކޮށްލައިގެން އެއް ސްލޮޓެއް ގޮތަށް ހަދައި އަލުން ސަންވިލް ޕްރައިވެޓް ލިމިޓެޑަށް ދިން ނަމަވެސް ޖުމްލަ ސައިޒް 17،000 އަކަފޫޓަށް ވުރެ ބޮޑުނުވާނެ. ނަމަވެސް ސާވޭކޮށް ސަންވިލް އަށް ބިން ހަވާލުކުރި އިރު، ޖުމްލަ 64،583 އަކަފޫޓު ނުވަތަ 6،000 އަކަމީޓަރުގެ ބިން، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްވެސް އިއުލާނުކުރުމެއް ނެތި ދީފައި،" އަބްދުއްރަހުމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ބިމެއްގެ ގޮތުގައި ފަހުން ދޫކުރި ތިން ބިން ފުރަތަމަ ދޫކުރީ ސަންވިލްގެ އިތުރުން ރެއިން ޕްރައިވެޓް ލިމިޓެޑް ނަމަކަަށް ކިޔާ ކުންފުންޏަކާއި ފެހިމޫ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ފުންޏަކަށެވެ.
"މި ތިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ އެއްބައެއް. ބައެއް ކުންފުނީގެ ހިއްސާދާރުންގެ އަނބިން ތިބި ކަމުގައި ވިޔަސް މި ތިން ކުންފުންޏަކީ ވެސް ތިން ހިއްސާދާރުން ހަގީގީ ހިއްސާދާރުން، ހަގީގީ ހިއްސާދާރުންގެ ގޮތުގައި ތިބޭ ތިން ކުންފުނި،" ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި އަބްދުއްރަހުމާން ވިދާޅުވި އެވެ.
އޭގެ ތެރެއިން ސަންވިލް ކުންފުނީގެ އެއް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހާ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ތިން ކުންޏަށް ފުރަތަމަ ދޫކުރި ތިން ބިން ވަކިކުރީ އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި ބިން ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކޮށްގެންނެވެ.
"އެެހެންކަމުން ސިޓީ ކައުންސިލުން ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރާ ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެސްޖީގެ އާއިލީ މަސްލަހަތު ހިމެނޭ ކުންޏަކަށް ގަވާއިދާ ހިލާފަށް މީދޫ ޓޫރިޒަމް ޒޯނުގެ ބޮޑު ސަރަހައްދެއް މިވަނީ 50 އަހަރުގެ މުއްދަތަށް ދީފައި،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހުމާނު ވިދާޅުވި ގޮތުގައި އެ މައްސަލަ އޭނާ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް އެތަންތަނުން ހައްލެއް ލިބޭނެ ކަމަށް އުއްމީދުނުކުރައްވާ ކަމަށާއި ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.