14 އޮކްޓޯބަރ 2025 - 16:02

ހުރިހާ ކަމެއްގައި އަދި ހާއްސަކޮށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ރައްޔިތުން އެދޭ ގޮތް ކަމަށާއި އަދި ކަންކަން ކުރިއަށް ގެންދާނީ ވެސް އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފީވަކަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތަށް ދަތުރު ކުރައްވަނީ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ބަލައި، އެ ކަންކަން ކޮށްދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުން އެދޭ ގޮތަށް ކޮންމެ ކަމެއް ވެސް ކޮށްދޭން، ކޮންމެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނަމޭ. ރައްޔިތުން އެދޭ ގޮތް އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު ގޮތަކީ. އެހެންވީމަ އެގޮތަށް ހުރިހާ ކަންކަމެއް ވެސް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ފީވަކުގެ ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއުއަކަށް ވެސް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ. އަދި މިހާރު ހުއްޓިފައި ހުރި ކަންކަން ސަރުކާރު ކުންފުނިތަކާ ހަވާލު ކޮށްގެން އަލުން ފަށާނެ ކަމަށާއި އަދި ނުނިމި ހުރި ކަންކަން ވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
- ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ ބިންގާ އެޅުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން
- ފުލުހުންގެ އާ އިމާރާތުގެ ބިންގާ އެޅުން
- ގޯތިތައް ދޫކުރަން ނިންމާފައިވާ ސަރަހައްދު ސާފުކުރުން އެމްޓީސީސީއާ ހަވާލުކުރުން