އޮޑިޓް އޮފީހުން އެދުނު ގޮތަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އޮޑިޓް އޮފީހުން އެދުނު ގޮތަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރި 134 މިލިއަން ރުފިޔާގެ ބަޖެޓް، އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމީ އެ ބަޖެޓަށް އުނި އިތުރެއް ނުގެނެސް ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. އެގޮތަށް ލަފާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރަށް ފާސްކުރީ މިއަހަރުގެ ބަޖެޓަށް ވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ ބަޖެޓު ބޮޑުކުރަން ހުށަހެޅި އެއް ސަބަބަކީ ބައެއް ޑިޕާޓްމެންޓްތަކަށް ސީނިއާ އޮޑިޓަރުން ނަގަން ޖެހޭތީ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 114 މިލިއަން ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކޮށްދިނުމުން ހާމަވަނީ އެ އޮފީސް ރަނގަޅުކުރަން ސަރުކާރުން ދޭ އިސްކަން ކަމަށެވެ.

"ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓްކުރުމަށް ޓަކައި ދޭ އަހައްމިއްޔަތު. މިއީ އެއްވެސް ސަރުކާރަކުން ، އަނެއްހެން ދަންނަވާ ނަމަ އަޅުގަނޑުމެންގެ ތާރީހުގައި ނުދޭ ވަރުގެ އަހަމިއްޔަތު ކަމެއް މި ސަރުކާރުން ދެމުން މިގެންދަނީ،" ސަލީމް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅިއިރު އެ އޮފީހުން ބުނެފައިވަނީ އެތަނުގައި 22 ޔުނިޓެއް މަސައްކަތް ކުރާއިރު، ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ، ސީނިއާ އޮޑިޓަރެއް ނުވަތަ ޑިޕާޓްމެންޓް ހެޑުން ނެތި ކަމަށެވެ. އެހެންވެ، އަންނަ އަހަރު އެ މަގާމުތަކަށް މުވައްޒަފުން ބޭނުންވާ ކަމަށް ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

"ޕީއެސްއައިޕީގައި މިއަންނަ އަހަރަށް ބަޖެޓުކޮށްފައި މިއޮތީ 41.5 މިލިއަން. މިހާތަނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންގެ ބަޖެޓުން ހަރަދުވެފައި އޮންނާނީ 65.68 މިލިއަން ރުފިޔާ. އަޅުގަނޑުމެންގެ މަސައްކަތްތައް ދާ ގޮތުން މިއަންނަ އަހަރު މާޗްގައި އަޅުގަނޑުމެންގެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓިމޭޓްކޮށްފައި މިވަނީ،" އޮޑިޓް އޮފީހުން އޭރު ބުނެފައިވެ އެވެ.

ޕީއެސްއައިޕީގެ ތެރޭގައި ހިމެނެނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ ދަށުން އެމްޓީސީސީއަށް ދައްކަން ޖެހޭ 35 މިލިއަން ރުފިޔާ އާއި އާ އޮފީހަށް ބޭނުންވާ ފަރުނީޗަރު ހޯދުން ކަމަށެވެ. އަދި އެކަމަށް ވެސް 6.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު އެ އޮފީހުން 81 އޮޑިޓެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފައިނޭންޝަން އޮޑިޓާއި ކޮމްޕްލަޔަންސް އާއި ޕާފޯމަންސް އޮޑިޓްތައް ހިމެނެ އެވެ. އަދި ސްޕެޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ ނުވަ އޮޑިޓަކާއި ފިސްކަލް ހާލަތު ބެލުމަށް އަށް އޮޑިޓެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.