14 އޮކްޓޯބަރ 2025 - 12:29

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 192.1 މިލިއަން ރުފިޔާ (12.4 މިލިއަން ޑޮލަރު) ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން 192.1 މިިލިއަން ރުފިޔާ ލިބުނު އިރު ޓެކުހުގެ ގޮތުގައި ދައުލަތަށް 17.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
"ސެޕްޓެމްބަރު މަހު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ މަސައްކަތް ފެށީ. މިހާ ހިސާބަށް 192،149،939 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ ހިސާބުތަކުން، އަޅުގަނޑުމެނަށް ފޯރުކޮށްދީފައިވާ މައުލޫމާތުން އެބަ ހާމަވޭ، " ސައީދު ވިދާޅުވި އެވެ.
ބަންކަރިން ހިދުމަތުން އާގުބޯޓުފަހަރަށް ވިއްކި ފިއުލްގެ ބޮޑު ބަޔަކީ ރާއްޖެ އިން ކުރިން ނުވިއްކާ ބާވަތެއް ކަމަށްވާ ލޯ ސަލްފާ ފިއުލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިންގެ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލް އެވެ.