ގައުމީ ޓީމުގެ ފެންވަރު ދަނީ ރަނގަޅުވަމުން: ކެޕްޓަން ސަމޫހް
ގައުމީ ޓީމުގެ ފެންވަރު ދަނީ ރަނގަޅުވަމުން: ކެޕްޓަން ސަމޫހް

ކުޅުންތެރިންނަށް އިތުބާރު ލިބި ގައުމީ ޓީމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިއަދު ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސަމޫހް ބުނި ގޮތުގައި ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގެ ކުޅުނު މެޗުގައި ރާއްޖެ ބަލިވިޔަސް ކުޅުން ރަނގަޅެވެ.

އެ ގޭމް ރަނގަޅު ފެންވަރެއްގައި ދިވެހި ޓީމަށް ކުޅެވުނީ އޭނާ ބުނި ގޮތުގައި ކުޅުންތެރިންގެ އިތުބާރު ބޮޑުވުމުންނެވެ.

ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ކުރިން ބުނެފައި ވަނީ ރާއްޖޭގެ ޑޮމެސްޓިކް ސީޒަން ފެށުމުން ގައުމީ ޓީމުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށެވެ.. ގައުމީ ޓީމު މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ނުކުތީ ކޮންމެ ކްލަބެއް ލީގުގައި ތިން މެޗު ކުޅުމަށް ފަހު އެވެ. މާޒިޔާ އާއި އީގަލްސްގެ ކުޅުންތެރިން ވަނީ ސީޒަން ހުޅުވި މެޗާ އެކު ޖުމުލަ ހަތަރު މެޗު ކުޅެފަ އެވެ.

މާޒިޔާގެ ކެޕްޓަންކަން ވެސް ކުރާ ސަމޫހް ބުނީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުގެ ފެންވަރު އިތުރަށް ރަނގަޅު ވާނެ ކަމަށެވެ.

"(ގައުމީ) ސްކޮޑް މިހާރު މިދަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރަށް ރަނގަޅުވަމުން. އިރާދަކުރެއްވިއްޔާ އެކަހަލަ (ރަނގަޅު) ނަތީޖާއެއް ފެންނާނެ،" އަމިއްލަ ދަނޑުގައި ކުޅެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭން ނެރެފައިވާ ނަތީޖާތަކަށް އިޝާރާތްކޮށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވަބު ދެމުން ސަމޫހް ބުންޏެވެ.

މީގެ ކުރިން ގަލޮޅު ދަނޑުގައި ރާއްޖޭން ވަނީ މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ ތަޖިކިސްތާން ވެސް ހިފަހައްޓައިފަ އެވެ. މާޗް 2011 ގައި އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވުމަށް ރާއްޖޭގައި ކުޅުނު ކޮލިފައިން މަރުހަލާގައި ތަޖިކިސްތާނާ އެއްވަރުކޮށް، ފައިދާ ލަނޑުގެ ތަފާތުން ރާއްޖޭން ގުރޫޕްގެ އެއްވަނަ ވެސް ހޯދި އެވެ.

އެ ނަތީޖާތައް ރާއްޖޭގެ ޓީމުން ނެރުނީ ދިވެހި ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބުމުންނެވެ. ދަނޑުފުރާލައި މުޅި ދަނޑު ރާއްޖޭގެ ސަޕޯޓަރުންގެ އަޑުން ގުގުމާލުމުންނެވެ.

ސަމޫހް ވެސް އިއްޔެ ބުނީ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެން ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.

މިއަދުގެ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.