29 މާޗް 2017 - 06:14

ކުރީގެ މަޝްހޫރު ބަތަލާ އާޝާ ޕަރެކްގެ ބައޮގްރަފީ ނެރެން ތައްޔާރުވެއްޖެ އެވެ. ފިލްމުފެއާ މެގަޒިންގެ ކުރީގެ އެޑިޓަރު އަދި ފިލްމް ކްރިޓިކް ޚާލިދު މުހައްމަދު ލިޔެފައިވާ "ދަ ހިޓް ގާލް" ލޯންޗުކުރުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މި ބައޮގްރަފީ ލޯންޗުކޮށްދޭނީ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާނެވެ. ސަލްމާނާއި އޭނާގެ އާއިލާ އާއި އާޝާ ޕާރެކްގެ ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވެ އެވެ.
ސަލްމާންގެ ދޮންމަންމަ ހެލަން އާއި ބައްޕަ ސަލީމް ޚާނާ އެކު ބައެއް އިވެންޓުތަކުން އާޝާ ޕަރެކް ފެނިފައިވެ އެވެ. އެހެންކަމުން އޭނާގެ ބައޮގްރަފީ ނެރެދިނުމުގެ ޝަރަފު ސަލްމާނަށް ދިނުމަށް އާޝާ ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ. މި ފޮތުގެ ތައާރަފް ވެސް ލިޔެފައިވަނީ ސަލްމާނެވެ.
ފޮތުގެ ތައާރަފް ލިޔެދޭން ސަލްމާން ކިބައިން ޚާލިދު އެދުމުން ވަގުތުން އެކަމަށް އެއްބަސްވި އެވެ. އަދި އޭނާ މި ލިޔުންކޮޅު ލިޔަން ނެގީ 15 ވަރަކަށް ދުވަސް ކަމަށާއި މި ލިޔުންކޮޅުގައި ސަލްމާން އޭނާގެ ޝުއޫރުތައް ފުރިހަމައަށް ބަޔާންކޮށްދީފައިވާ ކަމަށް ސަލްމާންގެ ގާތް މީހަކު ބުނެފައިވެ އެވެ.
އާޝާގެ ބައޮގްރަފީގެ ބޭރުގަނޑު މި މަހު ކުރީކޮޅު ވަނީ އާއްމުކޮށްފަ އެވެ. ބޭރުގަނޑުގައި ޖަހާފައިވަނީ އާޝާގެ ވަރަށް ޒުވާން އިރުގެ ފޮޓޯއެކެވެ.
އާޝާ ޕާރެކް އަކީ 60ގެ އަހަރުތަކުގައި އެންމެ ވިދާލި އެއް ބަތަލާ އެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީގެ ހަގީގަތްތައް އާޝާގެ ނަޒަރުން ބަލާލަން ގިނަ ބަޔަކު ބޭނުންވެ އެވެ.
"ކަޓީ ޕަތަންގް"، "ޕިޔާރް ކީ މޯސަމް"، "ތީސްރީ މަންޒިލް"، "ޒިއްދީ"، "މޭރޭ ސަނަމް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ އާޝާގެ ބައޮގްރަފީގައި އޭނާގެ ދިގު ފިލްމީ ކެރިއަރުގައި އޭރުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ދިލިޕް ކުމާރާއެކު އެއްގޮތަކަށް ވެސް މަސައްކަތް ނުކުރި ސަބަބު ހާމަކޮށްފައި ވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ. އަދި ކައިވެންޏެއް ނުކޮށް އޭނާގެ ހަޔާތުގެ ދުވަސްތައް ހޭދަކުރި ސަބަބަކާ ބެހޭ ގޮތުން ވެސް އާޝާ ވާހަކަ ދައްކާފައިވާނެކަމަށް ބެލެވެ އެވެ.