ރާއްޖެ-ޔޫކޭ އެފްޓީއޭ އަށް އަމަލުކުރާނެކަން އެންގި އެއްވެސް ލިޔުމެއް ނެތް: ސައީދު
ރާއްޖެ-ޔޫކޭ އެފްޓީއޭ އަށް އަމަލުކުރާނެކަން އެންގި އެއްވެސް ލިޔުމެއް ނެތް: ސައީދު

ރާއްޖެ އާއި ޔޫކޭއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް، މި އަހަރު އަމަލުކުރަން ފަށާނެ ކަމަށް އެ ގައުމުން އަންގާފައި އޮތް އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މިގޮތަށް ވިދާޅުވީ ރާއްޖެ އިން ޔޫކޭއަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަޝްވަރާތަަކަކަށް ފަހު، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން މި އަހަރު ފަށަން ނިންމާފައިވާ އިރު ޔޫކޭ-ރާއްޖެ ޑައިލޮގުގައި މި ސަރުކާރުން އެ ވާހަކަ ނުހިމެނި ސަބަބާ ގުޅޭ ގޮތުން ކުރެއްވި ސުވާލާ ގުޅިގެންނެވެ.

ރާއްޖޭން އެކްސްޕޯޓްކުރާ މަހަށް ޔޫކޭ އިން މިހާރު ނަގާ 20 ޕަސެންޓް ޑިއުޓީ އަކީ އޭރުގެ ސަރުކާރުން މަޝްވަރާކޮށްގެން ހޯދި ލުޔެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޔޫކޭ އިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް، މިއަހަރު އަމަލުކުރަން ފަށާނެކަމުގެ ޔަގީންކަން ދިންކަން އެނގޭ އެއްވެސް ލިޔެކިއުމެއް އިކޮނޮމިކް މިނިސްޓްރީގައި ނެތް ކަމަށެވެ.

"ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން 2025 ވަނަ އަހަރު ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މައުލޫމާތު މިމިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި މަޝްވަރާކޮށްގެން ލުޔެއް ހޯދި ކަމަށް ވިދާޅުވުމަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެކެވެ.

"ބްރެކްސިޓްގެ [ޔޫރަޕިއަން ޔޫނިއަނުން ޔޫކޭ ވަކިވުމުގެ] ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސެންޓްގެ ޓެރިފެއް، ބްރެކްސިޓަަށް ފަހު އެ ގައުމުން މިހާރު ނަގަނީ 20 ޕަަސެންޓްގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެއްބަސްވުންތައް ނުހުންނަ ހުރިހާ ގައުމަކަށް ވެސް ޔޫކޭ އިން ނަގާ އާއްމު ޓެރިފް. ވީމާ ދިވެހި ސަރުކާރުން ނެގޯޝިއޭޓްކޮށްގެން މިހާތަނަށް ހޯދި ޓެރިފެއް ކަމަށް އިއްޒަތްތެރި މެންބަރު [މީކާއިލް] ތިޔަ ވިދާޅުވާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކަފުޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން ރާއްޖޭން އެންމެ ފުރަތަމަ ހުށަހަޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޫން ކަމަށެވެ. ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރަން އެންމެ ފުރަތަމަ ހުށަހެޅީ 2016 ވަނަ އޭރުގެ އިކޮނޮމިކް މިނިސްޓަރު" ކަމަށެވެ. މިނިސްޓަރު އެ އިޝާރާތް ކުރެއްވީ އެއީ އޭނާގެ ހުށަހެޅުއްވުމެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސް އަބްުދުﷲ ޔާމީނުގެ ސަރުކާރުގައި 2016 ވަނަ އަހަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީ ވެސް ސައީދެވެ.