14 އޮކްޓޯބަރ 2025 - 10:40

ވޯލްޑް ކަޕް ކޮލިފައިން ގުރޫޕްގައި ކެމަރޫން ފަހަތަށް ޖައްސާލައި ކޭޕް ވާޑޭ އެއްވަނަ ހޯދައިގެން ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ކޭޕް ވާޑޭ ވަނީ ރޭ ކުޅުނު އެފްރިކާ ކޮލިފައިންގެ ގުރޫޕް ޑީގެ ފަހު މެޗުގައި 3-0 އިން އެސްވަޓިނީ ބަލިކޮށް 10 މެޗުން 23 ޕޮއިންޓް ހަމަކޮށްފަ އެވެ. ގުރޫޕްގެ ދެވަނައިގައި ކެމަރޫން ނިންމާލީ 19 ޕޮއިންޓާ އެކު އެވެ. ކެމަރޫންގެ ފަހު މެޗު ރޭ އެންގޯލާއާ ދެކޮޅަށް ކުޅެ ނިމުނީ 0-0 އިންނެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ހަތް މެޗުން މޮޅުވި ކޭޕް ވާޑޭ ބަލިވީ ރަށުން ބޭރުގައި ކެމަރޫނާ ވާދަކޮށެވެ. ނަމަވެސް ފަހުން އެގައުމުގައި ކެމަރނާ ވާދަކޮށް ވަނީ މޮޅުވެފަ އެވެ.
އާބާދީގައި 500،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭ ވެފައި ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން އާބާދީގެ ގޮތުން ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ގައުމަށެވެ. ވޯލްޑް ކަޕް ކުޅުނު އެންމެ ކުޑަ އާބާދީއެއް އޮތް ގައުމަކީ 2018 ވަނަ އަހަރުގެ މުބާރާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އައިސްލެންޑެވެ. އޭރު އައިސްލެންޑްގެ އާބާދީއަކީ ގާތްގަނޑަކަށް 300،000 އެއްހާ ރައްޔިތުންނެވެ.
ކޭޕް ވާޑޭ އަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ޑައިރެކްޓް ސްލޮޓް ލިބޭ އެފްރިކާ ބައްރަށް ނިސްބަތްވާ ނުވަ ގައުމުގެ ތެރެއިން ހަވަނަ ގައުމެވެ. ކޭޕް ވާޑޭގެ އިތުރުން މިހާތަނަށް ކޮލިފިކޭޝަނުން ޖާގަ ޔަގީން ކޮށްފައިވަނީ މޮރޮކޯ، ޓިއުނީޝިއާ، މިސްރު، އަލްޖީރިއާ، އަދި ގާނާ އެވެ.
ގުރޫޕްގެ ދެވަނައަށް ދިޔަ ކެމަރޫނަށް ކޮލިފައިންގައި އިތުރަށް ކުރިއަށް ދެވޭނީ، ދެވަނަ ހޯދި ޓީމުތަކުގެ ތެރޭން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ކާމިޔާބު ކޮށްގެން ހޮވޭނީ އެންމެ ފަހު ބުރު ކަމަށްވާ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް އަށެވެ.
އެފްރިކާގެ އެންމެ ހުޅަނގަށް އޮންނަ ކޭޕް ވާޑޭ އެންމެ ފަހުން އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް 2023ގެ ކުއާޓާ ފައިނަލް ކުޅެފައިވެ އެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ކޮލިފައިންގައި އެޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.