މިނިސްޓަރު ވިދާޅުވަނީ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް
މިނިސްޓަރު ވިދާޅުވަނީ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އަމަލީ މަސައްކަތް އަދި ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުަހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިއްމު ނިޒާމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ، ވަރަށް ބާރު ސްޕީޑުގައި އެބަދޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު އިރު ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި އެހެންވެ ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭރުގައި ރާއްޖޭގެ ރޭޓިން އޮތް ހިސާބަށް ބަލާ އިރު މިހާރު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ޑީބީއެމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ސައީދު ވިދާޅުވީ އެ ބޭންކުގެ މަސައްކަތް ތިން މަރުހަލާއަަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށެެވެ.

އޭނާ އޭރު ވިދާޅުވީ، އިންސްޓިޓިއުޝަނަލް ސެޓަޕްގެ މަސައްކަތްތަކުގެ އިތުރުން ބިޒްނަސް މޮޑެލް އެކުލަވައިލުމާއި ޑިވެލޮޕްމެންޓް ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓާ އަށް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ސައީދު އެ ދުވަސްވަރު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި އިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށާއި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މޭ މަހު އެވެ.