14 އޮކްޓޯބަރ 2025 - 09:51

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރިކަމުގެ ތުހުމަތުގައި، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޮތް އިރު އޭނާގެ ފޮޓޯތައް 36 މިނެޓް ވަންދެން ބަލާފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އަދި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފޯނު ހަވާލުކުރި އިރު ޝިމަންގެ ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އެކްސްގައި މިގޮތަށް ތުހުމަތުކުރެއްވީ ފޯނުގެ ބެޓެރީ ޔޫސޭޖަށް ބަލައިފަ އެވެ. އައިފޯނުގައި ފޯނުގެ ބެޓެރީ ފޯނުގެ އެކި އެޕްތަކަށް ބޭނުންކޮށްފައިވާ މިންވަރު ވަކިން ބެލެން ހުންނައިރު، އައިކް ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި ފޮޓޯ އާއި ވީޑިއޯ ރައްކާކުރަން ބޭނުންކުރާ ގޫގުލް ފޮޓޯ އެޕް މި މަ މަހުގެ 8-12 އަށް 33 މިނެޓް ބޭނުންކޮށްފައިވެ އެވެ. އެއީ ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮތް މުއްދަތެވެ.
އޭގައިވާ ގޮތުން އެކްސް އާއި މެސެޖާއި ޓެލެގްރާމް އެޕް ވެސް މިނެޓެއްހާއިރު ބަލާފައިވެ އެވެ.
ޝިމަންގެ ފޯނު ހިފެހެއްޓީ އެކްސްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި ކަމަށް ވިޔަސް ފޯނުން ގިނައިން ބަލާފައި ހުރީ ފޮޓޯތައް ކަމަށް ވާއިރު ފުލުހުންނާ ފޯނު ހަވާލުކޮށްފައި އޮއްވައި އެއިން ފޮޓޯއެއް ލީކުކޮށްލި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ފޯނު ހިފެހެއްޓި ފަހުން، "ޝިމަން ގެ ފޯނު"ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި އޭނާގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ފުލުހުންނަށް ތުހުމަތު އަމާޒުވުމުން ބަޔާނެއް ނެރެ ފުލުހުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ ތަހުގީގުތަކަށް ހޯދާ ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައި އޮންނަ އުސޫލުތަކަަށް ކަމަށާއި އެހެންވެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތެއް ލީކްވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އެ އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ގާއިމްވެފައިވާތީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފޯނަކުން މައުލޫމާތު ލީކްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދީ ޕޯސްޓެއް ކުރި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ހިފަހައްޓާފައި އޮއްވައި ވީޑިއޯއެއް ލީކުކޮށްލި ކަމުގެ ތުހުމަތު ވެސް ފުލުހުންގެ މައްޗަށް ކޮށްފައިވެ އެވެ. އަދި ކުޑަކުދިންނާ އެކު ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ފުލުހުން ގެޔަކަށް ވަދެ ރެއިޑްކުރި ވަގުތު އެ ކުދިން ވެސް ފެންނަ ގޮތަށް ސީންގެ އެންމެ އެތެރެއިން ނަގާފައިވާ ވީޑިއޯއެއް ލީކުވެފައި ވާތީ އެކަމުގައި ވެސް ފުލުހުންނަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމަކު މި ހުރިހާ ތުހުމަތަކަށް ފުލުހުން ވަނީ އިންކާރު ކޮށްފަ އެވެ.