13 އޮކްޓޯބަރ 2025 - 23:19

މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވާން އެއްބަސްކުރުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވި ނަމަވެސް ސަމިޓުގެ އެހެން ލީޑަރުން އެކަމާ ދެކޮޅުހަދައި ނަތަންޔާހޫ ސަމިޓުން ބޭރުކޮށްފި އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި ތިން އޮފިޝަލަކު ބުނި ގޮތުގައި ނަތަންޔާހޫ ސަމިޓަށް ދާން ނިންމީ ޓްރަމްޕުގެ އިތުރުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް އެކަމަށް ނަތަންޔާހޫގެ ކިބައިން އެދުމުންނެވެ. އެކަމަކު އެހެން ބައެއް ލީޑަރުން އެކަމާ ދެކޮޅު ހެއްދެވީ ކަމަށާއި އެހެންވެ ސަމިޓުގައި ބައިވެރިވާން ފަހު ވަގުތު ނިންމި ނިންމުން ވެސް ކެންސަލްކުރީ ކަމަށް އޮފިޝަލުން ބުންޏެވެ.
ނަތަންޔާހޫ ސަމިޓަށް ދިޔަ ނަމަ، އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިނުގަންނަ އަރަބި އިސްލާމީ އެތައް ގައުމެއްގެ ލީޑަރުންނާ އެއްތަންވާނެ އެވެ.
ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް އަކީ އިޒްރޭލުން ޣައްޒާގައި ހިންގަމުން ދިޔައީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ފާޅުގައި ވަރަށް ހަރުކަށިކަމާ އެކު ވިދާޅުވަމުން ގެންދެވި ބޭފުޅުންނެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސުދާނީގެ އެޑްވައިޒަރަކު އޭއެފްޕީ އަށް ވިދާޅުވީ ނަތަންޔާހޫ ބައިވެރިވާ ނަމަ އިރާގުގެ ވަފުދުން ސަމިޓް ބޮއިކޮޓް ކުރަން ނިންމައިގެން ތިބި ކަމަށެވެ.
"އިރާގުގެ ވަފުދުން ވަނީ ނަތަންޔާހޫ ބައިވެރިވާ ނަމަ ސަމިޓުގައި ބައިވެރިވާން ޝައުގުވެރިނުވާ ކަމަށް މިސްރަށް އަންގާފައި،" އެޑްވައިޒަރު އަލީ އަލް މައުސާވީ ވިދާޅުވި އެވެ.
ނަން ހާމަ ނުކުރަން ޝަރުތުކޮށް ތުރުކީގެ ޑިޕްލޮމެޓިކް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ނަތަންޔާހޫ ބައިވެރިނުވާ ގޮތަށް ހެދީ ރައީސް އުރުދުޣާންގެ އިސްނެންގެވުމާ އެކު ތުރުކީގެ ޑިޕްލޮމެޓިކް މަސައްކަތުން އަދި އެހެން ލީޑަރުންގެ އެހީތެރިކަމާ އެކު ކުރި މަސައްކަތުން ކަމަށެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ސަމިޓަށް އަންނަން ނިންމިކަން އުރުދުޣާން އަށް އެނގިވަޑައިގަތީ މަތިންދާބޯޓު ރަތް ކަނޑުގެ އައްސޭރިފަށާ ހިސާބަށް އައި ފަހުންނެވެ. އެ ހިސާބުން ފެށިގެން ނަތަންޔާހޫ އެއްފަރާތް ކުރުމުގެ މަސައްކަތް ފެށި ކަމަށާއި އޭނާ ބައިވެރިނުވާނެކަން ކަށަވަރުވަންދެން އުރުދުޣާންގެ މަތިންދާބޯޓު ނުޖައްސައި އެ އޮތް ހިސާބުގައި ބުރުޖަހަން އޮތީ ކަމަށް ބުނެފައިވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެހެން ޑިޕްލޮމެޓިކް އޮފިޝަލަކު ބުނި ގޮތުގައި ނަތަންޔާހޫ ބައިވެރިވާން ނިންމުމުން ގިނަ ގައުމުތަކުން "ހާސްވެ" އެކަމާ ދެކޮޅުހެދި އެވެ.
ހާއްސަކޮށް، ސަމިޓުގައި އޭނާއާ އެކު ފޮޓޯ ނަގަން ގިނަ ބަޔަކު ބޭނުން ނުވުމުން ނިންމުން ބަދަލުވީ ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.