13 އޮކްޓޯބަރ 2025 - 22:40

ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ޖާމިނުވެ ގަރާރެއްގައި ސޮއިކޮށްފި އެވެ.

"މި ލިޔުމުގައި ގަވައިދުތަކާއި އުސޫލުތަކާއި އަދިވެސް އެތައް ކަމެއް ހިމެނިގެންވާނެ،" މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށްދާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި މި ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.

ސޮއިކުރެއްވުމުގެ ކުރިން އޭނާ ވަނީ ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ދެމި އޮންނާނެ ކަމަށް ދެ ފަހަރު ވިދާޅުވެފަ އެވެ.
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ޓްރަމްޕު ވިދާޅުވީ ގައުމުތައް ގުޅިގެން ކުރި މަސައްކަތުން މިއަދު މި ވަނީ "މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވިފައި" ކަމަށެވެ. އަދި މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން މި ވަނީ ނުވާނެ ކަމަށް އެންމެން ބުނި ކަންތައްތައް ހާސިލްކޮށްފައި. މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވިއްޖެ،" ސަމިޓުގައި ގައުމުތަކުން ބައިވެރިވެ ވަޑައިގަތް ލީޑަރުންނާ މުހާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕާ އެކު މި ސަމިޓު އިންތިޒާމުކުރެއްވި މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ ސުލްހައިގެ މި އެއްބަސްވުމުގެ ދަށުން މުޅި މެދުއިރުމައްޗަށް މުޅިން އާ ޒަމާނެއް ފެށުނީ ކަމަށެވެ.
ޣައްޒާގައި ދިން ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން ހަމާސް އާއި އިޒްރޭލުން ވަނީ އެއްބަސްވުމުގެ ފުރަތަމަ ކަންތައް ކަމަށްވާ އިޒްރޭލުގެ އަސީރުން މިނިވަންކުރުމާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ މަސައްކަތް ފުރިހަމަކޮށްފަ އެވެ.