އާތިފަށް ކުރާ ދައުވާ އަނބުރާ ގެންގޮސް ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި
އާތިފަށް ކުރާ ދައުވާ އަނބުރާ ގެންގޮސް ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސް އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި އެވެ.

ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓުގެ މަގާމުގައި މިހާރު ހުންނެވި އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އާތިފް އެދިވަޑައިގަތުމުން ކަމަށެވެ.

ޕީޖީން އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ ތިން އަހަރުގެ މުއްދަތަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެ މުއްދަތުގައި އެއްވެސް ބާވަތެއްގެ ކުށެއް އާތިފް ކޮށްފިއްޔާ އެ ކުށާއި މަނީލޯންޑަރިންގެ ކުށާ އެކު ދައުވާ ކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހަޅާނެ. މިހާރު އާންމުކޮށް ނަސޭހަތުގެ އެއްބަސްވުން އަޅުގަނޑުމެން ހަދަނީ ތިން އަހަރަށް. މީގެ ކުރިން ހަ މަސް އަދި އެއް އަހަރަށް ހަދާފައި ހުރޭ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.

އާތިފަށް ކުރާ މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކުރި ނަމަވެސް ޕީޖީ އޮފީހުން އާތިފަށް ނަސޭހަތް ދޭން ނިންމައި، ނަސޭހަތުގެ އެއްބަސްވުމެއްގައި އޭނާއާ އެކު ސޮއިކޮށް އެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ކޯޓަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ.

އެހެންވެ، އެ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކުރި އެވެ.

އާތިފަށް މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ހިޔާޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވެ އެވެ.

އެ ދައުވާގެ ދިފާއުގައި އާތިފް އޭރު ވިދާޅުވެފައި ވަނީ އެސްއޯއެފް ކުންފުންޏާ ގުޅިގެން އެކުލާވަލި "އެސްޓީއާރު އެނެލިސިސް ރިޕޯޓު"ގައި ވަރަށް ގިނަ ސުވާލު އުފެދޭ، ޝައްކު ކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި ހުރި ކަމަށެވެ. ނަމަވެސް އެފްއައިޔޫގެ އެ ވަގުތުގެ ފޯކަސްއަކީ ރާއްޖެ އިން ބޭރުން އަންނަ ކަޅު ފައިސާ ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް އޭރުގެ ގަވަރުނަރު ދެއްވި އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ހަވާލު ނުކުރަން ނިންމީ އާތިފް ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، އޭރު އެކަން ނުކުރެއްވީ އޭރުގެ ހާލަތު އޮތް ގޮތުން ފުލުހުންނަށް މައްސަލަ ހުށަހެޅިޔަސް ފިޔަވަޅެއް އަޅައި ހުއްޓުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.