13 އޮކްޓޯބަރ 2025 - 23:06

އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތް ގޮތް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ރާއްޖެ އެއްވެސް ގޮތަކަށް ޑިފޯލްޓް ވިޔަ ނުދީ ރާއްޖޭގެ އިގްތިސާދު ފުރިހަމައަށް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް ހަމަޖައްސަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދައްކަން ހުރި ދަރަނިތައް ދައްކަމުން، ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާ ކުރެވިގެން އެކި ކަހަލަ ގޮތްގޮތަށް އެ އަށް ލުއިތައް ގެންނަމުން ރީ ފައިނޭންސް ނުވަތަ ލަސްކުރަމުން ނުވަތަ ބަދަލު ދޭންޖެހޭ ނަމަ އެކަން ކުރަމުން،" އިގުތިސާދު ރަނގަޅުކޮށް ދަރަނިތައް ދައްކަން ސަރުކާރުން ޕްލޭން ކުރަމުން އަންނަ ގޮތްތަކާ ބެހޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓު ދެއްކުމުގައި ވެސް އަޅުގަނޑުމެން މި ބަރާބަރަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާ އެކު ކާމިޔާބު ވަމުން ދަނީ. ފުރިހަމަ ކަމާ އެކު ކާމިޔާބު ވާނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ކަންތަކަށް."
ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި މަހު ދެއްކި އެވެ.
އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ރާއްޖޭގެ ހުރިހާ ދާއިރާތަކެއް ހިމެނޭހެން ކަންކަން ކުރިއަރުވައި ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތް ހޯދައިދީގެން ކުރިއަށް ގެންދާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވީ މި މަހު ދެވަނަ ދުވަހު އެ މަނިކުފާނު އިއުލާން ކުރެއްވި "މިދިޔަ ސަރުކާރުން އެކި ފަރާތްތައް ލައްވައި ކުރުވާފައި ރާއްޖޭގެ އެތެރޭގައި ނުދީ ހުރި ފައިސާތައް" ކުރިއަށް އޮތް ތިން ހަފުތާ ތެރޭ ދައްކައި ނިންމެވުމެވެ.
"އަޅުގަނޑުމެންގެ ރިޒާވް ވެސް ރަނގަޅު ގޮތުގައި ހުރީ. ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން ތަރައްގީގެ ކަންކަން ހާސިލް ކުރަމުން މި ގެންދަނީ. އެގޮތުގައި ކުރިއަށް ދިއުމަކީ އެއްވެސް ކަންބޮޑުވުމެއް މިހާރު އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ މި ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު ނެގި ދެ ލޯނެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި އަންނަ އަހަރު ސަރުކާރު "ޑިފޯލްޓަކަށް" ދާނެ ކަމަށް ވިދާޅުވެ ޔާމީނާއި އިބޫ ވާހަކަފުޅު ދައްކަވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ގެންދަނީ އެ ދަރަނިތައް ދެއްކުމަށްޓަކައި "އަރިއަކަށް" ފައިސާ ޖައްސަމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
އިބޫގެ ސަރުކާރުގެ ދުވަސްވަރު އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް އަދި އޮލިމްޕަސް ފަދަ ތަންތަން ރަހުނުކޮށް ލޯނު ނުނަގަން ޕީޕީއެމް/ޕީއެންސީން އެދެމުން ދިޔަ ކަން ފާހަގަކުރެއްވި އެވެ.
ތޯރިގް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑުގެ ދަރަނި ދެއްކުމަށާއި އިތުރަށް ފައިސާ ހޯދަން ވެގެން އިބޫގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ބައިނަލްއަގްވާމީ މާކެޓަށް ވިއްކި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގްތިސާދު އެންމެ ބޮޑަށް ދަތިވި ދަނޑިވަޅުގައި ވެސް އެސްޓީއޯ މެދުވެރިކޮށް 150 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނެގި އެވެ. އެކަމަކު، އެ ފައިސާގެ ތެރެއިން ވެސް ބޮޑު އަދަދެއް މި އަހަރު ދައްކާފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.