29 މާޗް 2017 - 06:30

އިންޑިއާގެ ޖެއިޕޫރުގެ ދަނޑެއްގައި ބޯކޮޅު އަޑިއަށްވާ ގޮތަށް އެކޮޅުކޮޅުން ވަޅުލާފައި އޮތް ކުއްޖަކު މިދިޔަ ހޮނިހިރު ދުވަހު ސަލާމަތް ކޮށްފި އެވެ.
ބެލެވޭ ގޮތުގައި މި ކުއްޖާ ވަޅުލާފައި ވަނީ އުފަންވިތާ 4-6 ގަޑިއިރާ ދެމެދުގެ ވަގުތެއްގަ އެވެ. ކުއްޖާ ފެނުނީ ޝިޔާމްސުންދަރްޕޫރް ކިޔާ އަވަށަކުންނެވެ.
ކުއްޖާ ފެނުމާ އެކު ނަގައި، ކައިރީގައި ހުރި ހެލްތު ސެންޓަރަކަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އަދި އެތަނުން އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނައި ފަހުން ކުއްޖާގެ ހާލު އިތުރަށް ގޯހެއް ނުވެ އެވެ.
މި ތުއްތު އަންހެން ކުއްޖާއާ މިހާރު ހަވާލުވެފައިވަނީ އެ ސަރަހައްދުގައި ޗެރިޓީ މަސައްކަތްކުރާ އާޝާ ކިޔާ ގްރޫޕެއްގެ މެމްބަރެކެވެ.
"ކުއްޖާ ވަޅުލާފައި އޮތީ ފޮތިގަނޑަކަށް ލައި އޮޅާލާފައި ބޯކޮޅު އަޑިއަށް ވާގޮތަށް. އަހަރެމެންނަށް ފެނުނީ އެ ކުއްޖާގެ ކުޑަކުޑަ ދެ ފައި. ފެނިފައި އެނގިއްޖެ އެ ކުއްޖާ ދިރިހުރިކަން،" ކުއްޖާ ވަޅުލާފައި އޮއްވާ ސަލާމަތްކުރި އަލޯކު ރަންޖަން ރާއޮތު ބުންޏެވެ.