13 އޮކްޓޯބަރ 2025 - 21:49

ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބަށް ގެނައުމުގައި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާގައި މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމްގައި އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ ހިދުމަތަކީ 24 ގަޑިއިރުގެ މަސައްކަތަށް ވާއިރު، އެކަން އެ ގޮތުގައި ކުރިއަށް ގެންދިއުމަށް މެނޭޖަރުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޓޫރިޒަމް ކުރިއެރުވުމުގައި ދުނިޔެ އަށް އަންނަ ބަދަލުތައް އިތުރަށް ބަލައި، އޭގެ ބޭނުން ވެސް ހިފަން ޖެހޭނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިސޯޓުތަކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އަބަދުވެސް ބޭނުންވަނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ އެކީގައި މަސައްކަތްކޮށް، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ ތެރެއިން އެ ދާއިރާ އަށް އިސްލާހުތައް ގެންނާށެވެ. އަދި ޓޫރިޒަމް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން އަބަދުވެސް ދާއިރާގެ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ތޯރިގް ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް އެންމެ ޒަމާނީ ވަސީލަތްތައް ގެނެސް، ދާއިރާ ކުރިއެރުމުގެ މަސައްކަތްތައް އެ ދާއިރާގެ ފަރާތްތަކުން ކުރާއިރު، މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ހާއްސަ މަޝްރޫއެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، "މޯލްޑިވްސް 2.0" ގެ ނަމުގައި ފެށި އެ މަޝްރޫއުގެ ބޭނުމަކީ ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ޒަމާނީ ވަސީލަތްތަކާ އެކު ހިދުމަތްތައް ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.