13 އޮކްޓޯބަރ 2025 - 22:07

ށ. ބިލެތްފަހީގައި މިއަދު އަމަލީ މަސައްކަތް ފެށި އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ތެރޭގައި އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓަކީ މުޅި އަތޮޅަށް ވެސް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.

މިއަދު ހަވީރު އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް ވަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު މަސައްކަތް އެމްއޭސީއެލާ ހަވާލުކުރީ، އެ ކުންފުނިން އިންވެސްޓު ކޮށްގެން އެ ތަން އަޅައި، އޮޕަރޭޓް ކުރާ ގޮތަށް ކަމަށެވެ.
އެމްއޭސީއެލުން ބިން ހިއްކުމުގެ މަޝަރޫއު ފެށިއިރު އެއީ ޖުމްލަ 36 ހެކްޓަރުގެ ބިން ކަމަށް ރައީސް ވިދަޅުވި އެވެ.
"މިއަދުން ފެށިގެން 8 މަސް ދުވަސް ތެރޭ ބިން ހިއްކައި ނިންމާނެ. ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ދެ އަހަރާއި ބައި ތެރޭ، 30 މަސް ދުވަސް ތެރޭ ނިންމައި ހުޅުވާނެ. ބިން ހިއްކުން ނިމޭއިރަށް ދެން ހުރި މަސައްކަތް ބާރު ސްޕީޑުގައި ފެށޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަނީ ފުއްދައި ދެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެގޮތުން ހުރިހާ މަޝްރޫއުއެއް ވެސް އެއްވެސް މަޑުޖެހުމެއް ނެތި ވަރަށް ފުރިހަމަކަމާ އެކު، ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ބިލެތްފަހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަކަށް ފެށޭނެ ކަމަށާއި ނިމޭހާ އަވަހަކަށް އެ ރަށު މަގު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބަނދަރު މަސައްކަތް ފައްޓައި ނިންމައި ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާލުވި އެވެ.
"ބިލެތްފަހީ ބަނދަރު މައްސަލަ އަށް ދާއިމީ ހައްލެއް އަންނަން ޖެހޭ. ބަނދަރު ހެދުމުގައި ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ދާނީ. މިހާރުން ފެށިގެން އަންނަ ފެބްރުއަރީ އަށް ބަނދަރު މަސައްކަތް ނިންމާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ސްކޫލު މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި ސިއްހީ މަރުކަޒުން ދޭ ހިދުމަތް 16 ގަޑިއިރަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
- ބިލެތްފަހީގައި މިސްކިތެއް ބިނާ ކުރުމަށް މި މަހު ހަވާލުކުރާނެ
- ކުނި މެނޭޖް ކުރުމުގެ މަސައްކަތް ހަވާލުކުރާނެ.
- ބިލެތްފަހީގައި ހޭންޑްބޯޅަ ކޯޓަކާއި ވޮލީ ބޯޅަ ކޯޓެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ. އަދި އެ ރަށުގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ.