ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭސީސީގެ ތަހުގީގަށް ހާޒިރުވާން ރިފްއަތުއަށް ވެސް އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިބޫ ތުހުމަތު ކުރެއްވި ގޮތުގައި، މިކަމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެކެވެ.

"ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" އިބޫ ވިދާޅުވި އެވެ.

ރިފްއަތު އޭސީސީއަށް ހާޒިރުވާން ޗިޓު ފޮނުވި އިރު، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.

އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާއަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ.

އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.