13 އޮކްޓޯބަރ 2025 - 19:05

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާގެ ޓާގެޓަކީ ބަލިނުވެ ސަލާމަތްވުން ކަމަށް ރާއްޖޭގެ ގައުމޯ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރާއްޖޭން ނުކުންނާނެ އެވެ. މީގެ 14 އަހަރު ކުރިން ރާއްޖޭން ވަނީ ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ކުޅެ އެއްވަރުކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވުމަށް މާޗް 2011 ގައި ރާއްޖޭގައި ކުޅުނު ކޮލިފައިންގައި ދިވެހި ޓީމުން ވަނީ ލަނޑެއް ޖެހިޔަ ނުދީ ތަޖިކިސްތާން ހިފަހައްޓައިފަ އެވެ.
އޭރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތާއި މިހާރު އޮތް ގޮތް ތަފާތެވެ. ތަޖިކިސްތާނުގެ އިތުރުން ކިރިގިސްތާނާއި ކެމްބޯޑިއާ ވެސް ހިމެނުނު ގުރޫޕުން އެއްވަނަ ހޯދައި އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖެ ކޮލިފައިވެސް ވި އެވެ. ކޮލިފައިން މުބާރާތުގައި ރާއްޖެއާ ތަޖިކިސްތާނަށް ވެސް ލިބުނީ ހަތް ޕޮއިންޓެވެ. ރާއްޖޭން އެއްވަނަ ހޯދީ ފައިދާ ގޯލުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ފަހަތަށް ވެއްޓިގެން ދިޔައިރު ތަޖިކިސްތާނުގެ ފުޓްބޯޅަ ދިޔައީ ކުރިއަށެވެ. އެންމެ ފަހުގެ އޭޝިއަން ކަޕަށް އެ ޓީމު މުޅިން އަލަށް ކޮލިފައިވެ، އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އެވެ. އެ ދެ ކާމިޔާބު އެ ޓީމުން ހޯދިއިރު ކޯޗަކަށް ހުރީ ކުރިން ރާއްޖޭގައި ވެސް މަސައްކަތް ކުރި ކޮރޮއޭޝިއާގެ ޕީޓާ ޝެގަޓް (ސަގެޓް) އެވެ.
ތަޖިކިސްތާނުގެ ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން، ރާއްޖެއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ނުކުންނަ މެޗުގައި، ރާއްޖޭގެ ކޯޗުގެ މޯހަންގެ އަމާޒަކީ ބަލިނުވެ ސަލާމަތް ވުމެވެ.
"ﷲ އިރާދަކުރެއްވިއްޔާ ގޮތެއް ހަދާލެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިރާދަކުރެއްވިއްޔާ ގަލޮޅު ދަނޑުގައި ކުޅެ ބަލިނުވެ ނުވަތަ މޮޅަކާ އެކީގައި މެޗު ނިންމާލެވޭތޯ އަޅުގަނޑުމެން ބަލާނީ،" މޯހަން ބުންޏެވެ.
އެ ނަތީޖާ ނެރެން، ރާއްޖޭގެ ގޭމް ރާވަން ޖެހޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މޯހަން ވާހަކަ ދެއްކި އެވެ.
"އަޅުގަނޑުމެންނަށް ވުރެ ގަދަ (ޓީމެއް) ވިއްޔާ އަޅުގަނޑުމެން ޑިފެންސިވް ވާން ޖެހޭ. އަޅުގަނޑުމެންނާ (އެއް ފެންވަރެއްގެ) ޓީމެއް ވެއްޖެއްޔާ އެޓޭކިން (ގޭމަކަށް) ބަދަލުކުރަން ޖެހޭނެ. ސްޓައިލްއާ، މިހުރިހާ އެއްޗެއް ވެސް ބަދަލުވެގެންދާނެ، (ދެކޮޅަށް ނުކުންނަ ޓީމެއްގެ ގޮތުން،)" މޯހަން ބުންޏެވެ.
"އެހެންވީމަ މި ދުވަސްކޮޅުގެ ތެރޭގައި އެކަންކަމަށް އަޅުގަނޑުމެން އެޖަސްޓް ވެގެން ދަނީ. ކުޅުންތެރިންގެ ފަރާތުން އެ އެއްބާރުލުން ލިބޭ. މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު ޕްރެކްޓިސްތަކުގައި. ކުޅުންތެރިންގެ ޑިސިޕްލިންއާ މެދު އެއްވެސް ސުވާލެއް ވެސް ނެތް."
ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަލިވީ އެވެ. ފިލިޕީންސާއި ޓީމޯ ލެސްޓޭ ވެސް ހިމެނޭ ގުރޫޕުން ޕޮއިންޓެއް ވެސް ނުލިބެނީ ރާއްޖެ އަށް އެކަންޏެވެ.
މޯހަން ބުނީ ކޮލިފައިންގައި ތިން މެޗު ކުޅުނު އިރު ހޯމް މެޗެއް މީގެ ކުރިން ކުޅެން ނުލިބި އޮތުމަކީ ޕްރެޝަރެއް ކަމަށެވެ. އަދި ސުން ޕޮއިންޓްގައި ވެސް އޮންނަ ޖެހުމަކީ ޕްރެޝަރެއް ކަމަށް އޭނާ ބުންޏެވެ.
މިދިޔަ މާޗް މަހު ފެށި ކޮލިފައިންގައި، ރާއްޖޭން ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ. އެކަމަކު ރޯދަ މަހުގެ ފަހު 10 އަކާ ދިމާވުމުން، ރާއްޖޭން އެދިގެން އެ މެޗު ފިލިޕީންސްގައި ކުޅުނެވެ. ފިލިޕީންސާ ދެކޮޅަށް ކުޅޭ ދެވަނަ ލެގް މެޗު އޮންނާނީ ރާއްޖޭގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0 ންނެވެ.
މާދަމާ ގަލޮޅު ދަނޑުގައި ކުޅޭ މެޗުން ދިވެހި ސަޕޯޓަރުންގެ އެއްބާރުލުން ލިބިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން މޯހަން ދިނެވެ.
"ލަންކާގައި ވެސް ފެނުނީ ސަޕޯޓަރުން ދިން އެ ފޯރީގެ ނަތީޖާ،" މިދިޔަ މަހު ލަންކާއާ ދެކޮޅަށް ރާއްޖެއަށް ކާމިޔާބު ހޯދައިދިން ކޯޗު ބުންޏެވެ.
ލަންކާއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު އެ ދެ މޗުގައި ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ދިން ފޯރި އާއި ތަރުހީބަށް ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވެސް ތައުރީފު ކުރި އެވެ. މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.