13 އޮކްޓޯބަރ 2025 - 19:06

ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ނުކުންނަ ދިވެހި ޓީމަށް ހޯމް ޕްރެޝަރާއި ހޯމް އެޑްވާންޓޭޖް ވެސް އެބައޮތް ކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން ކުޅޭ މެޗަކީ ދެ އަހަރަށް ފަހު ދިވެހި ޓީމުން ކުޅޭ ފުރަތަމަ ހޯމެ މެޗެވެ. ދިވެހި ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އޮކްޓޯބަރު 2023 ގަ އެވެ.
އޭގެ ދެ އަހަރު ފަހުން ގައުމީ ޓީމުން މާދަމާ ގަލޮޅު ދަނޑުގައި މެޗަކަށް ނުކުންނަ އިރު އެޑްވާންޓޭޖާއި އެއްވަރަށް ޕްރެޝަރު ވެސް އެބައޮތް ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭ އިރު ހޯމް އެޑްވާންޓޭޖާއި ޕްރެޝަރަކީ ވެސް އޮންނަ އެއްޗެއް ކަމަށެވެ.
"އެސްކިއުޒުތަކެއް ދައްކާކަށް ނޫން. އެކަން އޮތްގޮތް މި ބުނެދިނީ،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.
އޭނާ ބުނީ ދެ އަހަރުގެ މުއްދަތަކަށް ފަހު އަމިއްލަ ދަނޑުގައި ފުރަތަމަ މެޗަށް ނުކުންނައިރު ޕްރެޝަރު އޮންނާނެ ކަމަށެވެ.
"ހޯމް މެޗެއް ކުޅޭއިރު އެއްބަޔަކު ހިތައް އަރާފާނެ ކޮން ޕްރެޝާއެއްހޭ އޮންނާނީ. ނޫން. އެއީކީ އެހެން އޮންނަކަމެއް ނޫން. ހޯމް ޕްރެޝަރަކީ އޮންނަ އެއްޗެއް. ހޯމް އެޑްވާންޓޭޖަކީ ވެސް އޮންނަ އެއްޗެއް،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޯހަން ތަފުސީލުކޮށް ދިނެވެ.
"... ޕްރެޝާއަކަށް މިވާ ސަބަބަކީ ގަލޮޅު ދަނޑުގައި މިހާ ދުވަހު ނުކުޅެ ގޮސް، (މެޗަށް) އަންނަ އިރު މިއިންނަ ކޮންފިޑެންސާއި މިކަންތައްތަކަކީ ޕްރެޝަރަކަށް ވެގެންދާނެ ކަމަކީ. އެއީ ކުޅުންތެރިންނަށް އިތުބާރު ލިބުމާކަންތައްތައް. އެ ޕްރެޝަރު އިންނާނެ ކޮންމެ ގޮތެއް ވިޔަސް."
އެކަމަކު ދިވެހި ސަޕޯޓަރުން ގައުމީ ޓީމުގެ ފަހަތުގައި ތިބެއްޖެނަމަ ބޮޑު ހިތްވަރަކަށް ވާނެކަމަށް ވެސް އޭނާ ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބޭރުގެ ތަޖުރިބާކާރު ކޯޗުންގެ ދަށުން މަސައްކަތް ކުރީ މޯހަން ބުނީ އެ ހާލަތަށް ކުޅުންތެރިން މެންޓަލީ ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ (ކުޅުންތެރިން) އަދި ވަރަށް ރަނގަޅަށޭ ތިބީ،" މޯހަން ބުންޏެވެ.
ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބެގައި ކުޅުނު މެޗުން ދިވެހި ޓީމު ބަލިވީ 2-0 ންނެވެ.
ކުޅުންތެރިންގެ ތެރެއިން، މިޑްފީލްޑަރު އިބްރާހިމް އައިސަމް (ޓޯނީ) އަށް މާދަމާގެ މެޗުގައި ނުކުޅެވޭނެ އެވެ. ދެ ރީނދޫ ކާޑް ދައްކާފައިވުމުން، އޭނާ ވަނީ މެޗަށް ސަސްޕެންޑް ވެފަ އެވެ.
މޯހަން ބުނީ އައިސަމްގެ މަގާމު ފޫބެއްދުމަށް ބައެއް ބަދަލުތައް ޓީމަށް ގެންނާނެ ކަމަށެވެ.
މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.