13 އޮކްޓޯބަރ 2025 - 15:26

ހަމާސް އާއި އިޒްރޭލުގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ހުރިހާ އަސީރުން މިއަދު މިނިވަންކުރުމާ އެކު އިޒްރޭލު ޖަލުތަކުން ފަލަސްތީނުގެ ގައިދީން ވެސް މިނިވަންކުރަން ފަށައިފި އެވެ.
އިޒްރޭލުގެ އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން މިއަދު މިނިވަންކުރުމުން އޭގެ ބަދަލުގައި ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަންކުރަން އިޒްރޭލުން ވަނީ އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ދޫކޮށްލި މީހުން ގޮވައިގެ ބަސްތައް ދިޔައީ ހުޅަނގު އައްސޭރީގެ ރާމަﷲ އަށެވެ.
މިނިވަންކުރާ ގައިދީންނަށް މަރުހަބާ ކިޔައި އުފާ ފާޅުކުރުމަށް އެތައް ހާސް ބަޔަކު ރާމަﷲ އަށް ޖަމާވި އެވެ.
އިޒްރޭލުން ދޫކޮށްލަންޖެހޭ ފަލަސްތީނު މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހަކާއި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ 1،700 މީހަކު ހިމެނެ އެވެ. މި ގައިދީންގެ ތެރޭގައި އުމުރު ދުވަހުގެ ފަސް ހުކުމް އިއްވާފައިވާ، ފަލަސްތީނުގެ މުހިންމު ލީޑަރެއް ކަމަށްވާ މަރްވާން ބަރުގޫތީ އަދި އަހްމަދު ސާދާތު ހިމެނިދާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް އެ ބޭފުޅުންނެއް ނުހިމެނެ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މީހުން ވެސް މިނިވަންކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ރެޑް ކްރޮސްގެ ބެލުމުގެ ދަށުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގައިވާ ގޮތުން، މިހާތަނަށް މިނިވަން ނުވެ ތިބި ކަމަށް ބެލެވޭ އިޒްރޭލުގެ 48 ރަހީނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި 20 މީހުން، ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ މިނިވަންކުރަން ޖެހެ އެވެ. އަދި އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރަން ޖެހެ އެވެ. އަދި މި މީހުން މިނިވަންކުރުމާ އެކު އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ޖެހެ އެވެ.
އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިސްރުގެ ޝަރުމުއްޝައިހްގައި ޣައްޒާ އާއި މުޅި މެދުއިރުމައްޗަށް ދާއިމީ ސުލްހަ އާއި ހަމަޖެހުން ގެނައުމާ ބެހޭ ސަމިޓެއް މިއަދު ފަށާނެ އެވެ. އިސްލާމީ އަރަބި ގައުމުތަކާއި އެމެރިކާގެ ރައީސް ޓްރަމްޕާއި ޔޫރަޕްގެ ބާރުތައް ވެސް ބައިވެރިވާ މި ސަމިޓު ކުރިއަށް ދާއިރު ޣައްޒާއަށް މިހާރު ވަނީ އެހީގެ ސާމާނު ވެސް ވައްދަން ފަށައިފަ އެވެ.
ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ އެހީ ޣައްޒާއަށް އެތެރެކޮށްދޭން ޖެހޭނެ ކަމަށް ސުލްހައިގެ އެއްބަސްވުމުގައި އޮވެ އެވެ.
އިޒްރޭލަށް ހަމާސް އިން ހަމަލާދީ 1،200 އަށް ވުރެ ގިނަ މީހުން މަރާލުމުން އެކަމުގެ ބަދަލު ހިފައި ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލު ހިސާރުކޮށް ވަރުގަދަ ހަަމަލާދެމުން ގެންދާތާ ދެ އަހަރު ވީއިރު ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.