ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ވެސް ބައިވެރިވާނެ
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ވެސް ބައިވެރިވާނެ

މިސްރުގެ ޝަރުމުއްޝައިޚްގައި މިއަދު ފަށާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވާނެ ކަމަށް މިސްރުން އިއުލާނުކޮށްފި އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްވެ ބާއްވާ ސަމިޓުގައި ޔޫރަޕާއި އަރަބި އިސްލާމީ ގައުމުތަކުގެ ވިއްސަކަށް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެކަމަކު އީރާނުން ވަނީ އެ ގައުމަށް ހަމަލާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާ ބަޔަކާ އެކު ކުރާނެ މުއާމަލާތެއް ނޯންނާނެ ކަމަށް ބުނެ އެ ސަމިޓުގައި ބައިވެރިނުވާން ނިންމައިފަ އެވެ.

އިޒްރޭލުން ކުރިން އޮތީ މި ސަމިޓުގައި ބައިވެރިނުވާން ނިންމައިފަ އެވެ.

އެކަމަކު މިހާރު އިޒްރޭލުގައި ހުންނެވި ޓްރަމްޕު، ސީސީއަށް ގުޅުއްވައި ސަމިޓުގައި ނަތަންޔާހޫ ބައިވެރިވާން އެއްބަސްވެފައިވާ ކަމަށް ވަނީ އަންގަވައިފަ އެވެ.

ޣައްޒާ ސަމިޓަކީ އިޒްރޭލާއި ހަމާސް އިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުން ދާއިމީކޮށް، މުޅި މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް އެމެރިކާ އާއި މިސްރުން ވަނީ ބުނެފަ އެވެ.

މި ސަމިޓުގައި ބަހްރެއިން، ޖޯޑަން، ކުވައިތު، އޯމާން، ތުރުކީ، ޔޫއޭއީ، ސައިޕްރަސް، ފްރާންސް، ޖަރުމަން، ގްރީސް، ހަންގޭރީ، އިޓަލީ، ސްޕެއިން، ޔޫކޭ، އަރްމީނިއާ، އަޒަރްބައިޖާން، އިންޑިއާ، އިންޑޮނީޝިއާ، ޕާކިސްތާންގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، އަރަބި ލީގު އަދި ޔޫރަޕިއަން ކައުންސިލުން ބައިވެރިވާނެ އެވެ.