14 އޮކްޓޯބަރ 2025 - 06:32

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ލަކްޝިޔަ އާއި އެކްޓްރެސް ޖާންވީ ކަޕޫރް އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ލަކްޝިޔަ އާއި ޖާންވީ އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެއް ކަމަށެވެ. އެ ފިލްމު ވާނީ ލަކްޝިޔާ ކުޅޭ ދަރްމާގެ ހަތަރު ވަނަ ފިލްމަށް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ނަމެއް އަދި ނޭނގެ އެވެ.
ލަކްޝިޔަ އެންމެ ފުރަތަމަ ކުޅުނު ދަރްމާގެ ފިލްމު "ކިލް" އިން އޭނާއަށް ވަނީ އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް މި އަހަރުގެ ފިލްމްފެއާގައި ލިބިފަ އެވެ.
އޭނާ ކުޅޭ ދަރްމާގެ ދެވަނަ ފިލްމަކީ، ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭއާ އެކު ފެންނާނެ ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" އެވެ. އެއީ މި އަހަރު ފަހުކޮޅު ރިލީޒްކުރާ ފިލްމެކެވެ.
އޭނާ ކުޅޭ ދަރްމާގެ ތިންވަނަ ފިލްމަކީ "ދޯސްތާނާ 2" އެވެ. އަންނަ އަހަރު ގެނެސްދޭ އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލުތައް ކުޅޭނީ ވިކްރާންތު މަސީ އާއި ޕްރަތިބާ ރަންތާ އެވެ. ޕްރަތިބާއަށް ވަނީ މި އަހަރުގެ ފިލްމުފެއާގައި އެންމެ މޮޅު އެކްޓްރެސް (ކްރިޓިކްސް)ގެ އެވޯޑް ލިބިފަ އެވެ. އެއީ އޭނާ "ލާޕަތާ ލޭޑީސް"ގައި ކުޅުނު ރޯލުންނެވެ.
"ދޯސްތާނާ 2"ގެ ރޯލަށް ޕްރަތިބާ ހަމަޖެއްސީ އެ ރޯލު ކުރިން ހުށަހެޅި ޖާންވީ އެ ފިލްމު ދޫކޮށްލުމުންނެވެ.
ލަކްޝިޔަގެ ފުރަތަމަ ވެބް ސީރީޒް އަދި އަރްޔަން ޚާންގެ ފުރަތަމަ ޑައިރެކްޝަން "ބޭޑްސް އޮފް ބޮލީވުޑް"ގައި އޭނާ ކުޅުނު ރޯލަށް ވެސް ވަނީ ތައުރީފު އޮއްސާލައިފަ އެވެ.
ދަރްމާގެ ފިލްމަކުން ބޮލީވުޑަށް ތައާރަފުވި ޖާންވީއަށް އެ ޕްރޮޑަކްޝަންގެ ފިލްމެއް އަނެއްކާވެސް ލިބުނުއިރު، މި އަހަރު އެންމެފަހުން ނުކުތް އޭނާގެ ދެ ފިލްމަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި، ސިދާތު މަލްހޯތުރާއާ އެކު ޖާންވީ ކުޅުނު "ޕަރަމް ސުންދަރީ" ވަނީ ފްލޮޕްވެފަ އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖާންވީ އާއި ވަރުން ދަވަންގެ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބި ޕްލޮޕްވާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.